ގަވާއިދާއި އެއްގޮތަށް ރައްޔިތުންގެ މަޖިލިސް ހިންގަވައި ދެއްވުމަށް އިހުތިރާމާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށާއި އެކަން އެގޮތަށް ނުކުރެވޭ ކަމަށްވާ ނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން 29 މެންބަރަކު ސޮއި ކުރައްވާ މިދިޔަ މަހުގެ 22ވަނަ ދުވަހު ވަނީ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައި ދިނުމަށް އެދިފައެވެ. އަދި އެ ޖަލްސާތަކުގެ ތެރެއިން މިއަދު ވަނީ އެއް ޖަލްސާ ބާއްވައިފައެވެ. ނަމަވެސް އެ ޖަލްސާ ވެސް ކުރިޔަށް ގެންދެވޭނެ ގޮތެއް ނުވިއެވެ.

ޖަލްސާ ބާއްވަން އެދޭ ސަބަބު:

މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލަ އަދި އިތުރު ޖަލްސާތައް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ މައްސަލަ އަދި އިތުރު ޖަލްސާތަކެއް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް
މަޖިލީހުގެ ރައީސާ ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އާއި ގުޅިގެން އިތުރު ޖަލްސާތަކެއް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ޖަލްސާ ފައްޓަވައި ދެއްވަމުން ޖަލްސާ ބޭއްވި ސަބަބު އޭނާ ހިއްސާ ކުރެއްވިއެވެ. އަދި ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލަ އެޖެންޑާގައި ހިމަނާފައިވީ ނަމަވެސް އެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށެވެ.

ސަބަބެއްގެ ގޮތުގައި އަފީފް ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެމްޑީޕީގެ މެންބަރުކަމުން ވަކިވެވަޑައިގެންފައި ވާތީ، މަޖިލީހުގައި މެންބަރުން އެކުލެވިގެންވާ ގޮތަށް އަނެއްކާވެސް ބަދަލުތަކެއް އައިސްފައިވާތީ ކަމަށް ވިދާޅުވެފައެވެ.

[caption id="attachment_54657" align="alignnone" width="2048"] އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަސްލަމް ވާހަކަދައްކަވަނީ -- ފޮޓޯ / މަޖިލިސް[/caption]

އެކަމާއި ގުޅިގެން މަޖިލިސް އިދާރާގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މި ދުވަސްވަރަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރެއް ކަމުން، މަޖިލީހުގެ ގިނަ މެންބަރުން އާއިލީ ކަންކަމާއި އަމިއްލަފުޅު އެހެން ދަތުރުތަކާއި ދާއިރާތަކުގައި ތިއްބެވި ކަމަށެވެ. މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާކަން އެނގިވަޑައިގަތީ އިއްޔެގެ ހަވީރު ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދުގެ ޖަލްސާ ބާއްވާފައި ވެސް އަމަލު ކުރެއްވީ އެންމެ ރަނގަޅަށް ނޫން ކަމަށާއި މަޖިލީހުގެ ރިޔާސަތުން މެންބަރުންނަށް ވެސް އިހުތިރާމް ކުރުމެއް ނެތްކަން އެނގިގެން މިއަދު ހިނގައްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީން ދެ މެންބަރަކު ވަކިވެވަޑައިގެންފައިވާކަން އޭނާ އަށް މަޖިލީހުގެ އިދާރާ އިން އިއްޔެ އެންގި ކަމަށެވެ. އެހާ ހިސާބަށް އައިއިރު ވެސް މިއަދު އެޖެންޑާ ކޮށްފައި އޮތް ޖަލްސާ ނުބޭއްވޭނެކަން މަޖިލީހުގެ ރިޔާސަތުން ވެސް އަދި މަޖިލީހުގެ އިދާރާ އިން ވެސް އަންގާފައި ނުވާ ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

"މިކަމުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ މަޖިލީހުގެ މެންބަރުންގެ އިހުތިރާމަށް ވެސް އަދި މެންބަރުންގެ ވަގުތަށް ވެސް އިހުތިރާމް ކުރެއްވުމެއް ނެތްކަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ވާހަކަފުޅުގައި މަޖިލިސް ޖަލްސާތައް ކުރިޔަށް ގެންދެވޭނީ ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތަކުގެ ތެރެއިން މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެގުމުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި ނަމަވެސް، އެ މައްސަލަތައް ހުށަހެޅުމަށް ސޮއިކުރެއްވި މެންބަރުންގެ ކޮންމެވެސް ވަރެއްގެ ބުރަދަނެއް ހުންނަން ވާނެ ކަމަށެވެ. އަދި އެފަދައިން ނަޝީދަށް ވިދާޅުވުމުގެ ޖާގައެއްވެސް ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ވަރަށް އިހުތިރާމާއެއްކޮށް އަދިވެސް ހަމަ ތަކުރާރުކޮށް އިލްތިމާސްކޮށް ދަންނަވާލަން ބޭނުންވަނީ މަޖިލީހުގެ ގަވާއިދު ހިންގަވައި ދެއްވާށޭ. މަޖިލީހުގެ ގަވާއިދު ހިންގެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ނަމަ އިސްތިއުފާ ދެއްވާށޭ،" އަސްލަމް ވިދާޅުވިއެވެ.