އައްޑޫ ސިޓީ ހިތަދޫ އަށް އުފަން އައިޝަތު ޝީޒާ އަކީ ދަނޑުވެރިއެއް ނޫނަސް އަމިއްލަ ބޭނުންތައް ފުއްދާލުމަށް އޭނާ ގޭގައި ދަނޑު ހައްދާ އުޅެއެވެ. އެގޮތުން ކޮންމެ ދުވަހަކީވެސް އޭނާގެ ކުޑަ ދަނޑުގައި އާދައިގެ ދުވަހެކެވެ. މިރުހާއި، ކޮޕީފަތް ގަސްތަކަށް ފެންދީ ގަހުގެ "ހާލު" ބަލައެވެ. އެކަމަކު މީގެ ހަފްތާއެއް ކުރިން އޭނާއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އެއީ އޭނާ ހެއްދި ތޮރައެއްގެ ދިގުމިން ފެނިފައެވެ،
އާއްމު ގޮތެއްގައި ރާއްޖެއިން ފެންނަ ތޮރާތަކުގެ ދިގުމިނުގައި އުޅެނީ ދެ ފޫޓެވެ. ނަމަވެސް ބައެއް ތޮރާތައް އެއަށްވުރެ ކުޑަކޮށް ދިގުވެފައި ހުރެއެވެ. ނަމަވެސް ޝީޒާ ހެއްދި ތޮރާގެ ދިގުމިނުގައި ހަ ފޫޓު ހުރެއެވެ. މިއީ ހުދު އޭނާ އަށް ގަބޫލުކުރަން ދަތިވި ކަމެކެވެ.
"މި ތޮރާ ފެނުނީ މީގެ ހަފްތާއެއް ކުރިން. އޭގަ ފަހުން އެއަށްވުރެވެސް ދިގުވީ. ދެން ކެނޑީ އިއްޔެ" "ހަތާވީސް"އާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މީގެ މަހެއްހާ ދުވަސްކުރިން ވެސް އެ ތޮރާ ރަނގަޅަކަށް ނުހެދެއެވެ. އިއްޔެ އެ ތޮރާ ކެނޑިއިރު އާއްމު އިންސާނެއްގެ ދިގުމިނަށްވުރެ ވެސް އެ ތޮރާ ދިގެވެ.
އައިޝަތު ބުނާ ގޮތުން އެއީ ހަމަ އާދައިގެ އޮށަކުން އިންދި ތޮރާއެކެވެ. ވަކި ވައްތަރެއްގެ ގަސްކާނާއެއް ނޫނީ ތަފާތު ކެމިކަލެއްވެސް އެ ތޮރާ ހެއްދުމަކަށް އޭނާ ބޭނުން ކޮށްފައެއް ނުވެއެވެ.
"ވެދާނެ އެއީ ބިންގަނޑު މާ ރަނގަޅީ ކަމަށް" އޭނާ ކިޔައިދިނެވެ. އައިޝާ ބުނީ މިހާ ބޮޑު ތޮރާއަކަށްވުމުން އެ ތޮރާ އާއިލާއާ ރައްޓެހިންނަށް ދީ، އޭގެ ރަހަ ދައްކާލާފައިވާނެ ކަމަށެވެ. ރަހައިގެ ގޮތުން އެހެން ތޮރާތަކާއި މި ތޮރާގެ މާ ބޮޑު ތަފާތެއް ނެތް ކަމަށްވެސް އޭނާ ބުންޏެވެ.
ތޮރައަކީ ސިއްހީ ގިނަ ފައިދާތަކެއް އޭގައި އެކުލެވޭ ބާވަތެކެވެ. އެގޮތުން ތޮރައަކީ ބަނޑު ސާފުކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. އަދި ތޮރައަކީ އަރިދަފުސް ބޭރުކޮށްދީ، ލޭމަނާކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. ތޮރައަކީ ހަށިގަނޑުން ހޫނު ބޭރުކޮށް ހަށިގަނޑު ފިނިކޮށްދޭ ވެސް ބާވަތެކެވެ. ތޮރައިން ހަށިގަނޑުން ވިހަ ބޭރުކޮށްދެއެވެ. އަދި ހަމައެއާއެކު ތޮރައަކީ ދުޅަތިރިކޮށްދިނުމުގެބާރު ހުންނަ ބާވަތަކެވެ.