ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ހުށަހަޅާފައި އޮތުމުން މިއަދު ބޭއްވި ދައުރުން ބޭރުގެ ޖަލްސާ ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތިގެން ނިންމާލައިފިއެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން 29 މެންބަރަކު ސޮއި ކުރައްވާ މިދިޔަ މަހުގެ 22ވަނަ ދުވަހު ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް އެދިފައެވެ.

ޖަލްސާ ބާއްވަން އެދޭ ސަބަބު:

މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލަ އަދި އިތުރު ޖަލްސާތައް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ މައްސަލަ އަދި އިތުރު ޖަލްސާތަކެއް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް
މަޖިލީހުގެ ރައީސާ ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އާއި ގުޅިގެން އިތުރު ޖަލްސާތަކެއް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ޖަލްސާ ފައްޓަވައި ދެއްވަމުން ޖަލްސާ ބޭއްވި ސަބަބު އޭނާ ހިއްސާ ކުރެއްވިއެވެ. އަދި ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލަ އެޖެންޑާގައި ހިމަނާފައިވީ ނަމަވެސް އެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށެވެ.

ސަބަބެއްގެ ގޮތުގައި އަފީފް ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެމްޑީޕީގެ މެންބަރުކަމުން ވަކިވެވަޑައިގެންފައި ވާތީ، މަޖިލީހުގައި މެންބަރުން އެކުލެވިގެންވާ ގޮތަށް އަނެއްކާވެސް ބަދަލުތަކެއް އައިސްފައިވާތީ ކަމަށް ވިދާޅުވެފައެވެ.

ނަޝީދާއި އަހްމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމުން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އަދަދަކީ 54އެވެ. ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންގެ އަދަދަކީ 18އެވެ. ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ އަދަދަކީ 7އެވެ. އެމްއެންޕީގެ މެންބަރުންގެ އަދަދަކީ ތިނެކެވެ. ޖޭޕީ އަދި އެމްޑީއޭގެ މެންބަރުންގެ އަދަދަކީ ދޭކެވެ.

މިފަދައިން އިއުލާނު ކުރެއްވުމަށްފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިމުނީކަމަށް އަފީފް އިއުލާން ކުރެއްވިއެވެ. އަފީފް މަޖިލިސް ޖަލްސާ ނިންމާލަން އިއުލާނު ކުރަމުން ދަނިކޮށް ބައެއް މެންބަރުން ނިޒާމީ މައްސަލައެއް ނެގުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވާ އަޑު އިވެއެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ އަފީފް ވަނީ މަޖިލިސް ޖަލްސާ ނިންމާލައިފައެވެ.