މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ކުރިން ނިންމާފައިވާ އަދަދަށްވުރެ އިތުރަށް މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ކުރިން ނިންމާފައި އޮތީ މާލެ ސަރަހައްދުން 5،000 ގޯތި ދޫ ކުރުމަށެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވަހިން 2000 ގޯއްވާއި ގުޅީފަޅާއި ގިރާވަރުފަޅުން 3000 ގޯތި ދޫކުރުމަށެވެ. އެގޮތުގެ މަތިން ސަރުކާރުން ވަނީ ބިންވެރިޔާ ސްކީމެއް ތައާރަފުކޮށް މާލެ ސަރަހައްދުން ގޯތި ބޭނުންވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލުމަށް އެދިފައެވެ.
ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 19،858 މީހުން ޝަރުތު ހަމަވެއެވެ. އޭގެތެރެއިން ސަރުކާރުން ގެޒެޓް ކުރީ 10،314 މީހުންނަށް ލިބޭ ގޯއްޗެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެކުރިން ވިދާޅުވީ ބާކީ ތިބި 9،544 މީހުންނަށް ޖޮއިންޓުކޮށް އެޕްލައި ކުރެވޭނެ ގޮތެއް ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ގޮތް ހަދައި ދޭނެ ކަމަށެވެ. އެގޮތަށް ހުށަހެޅުމުން އެފަރާތްތަކަށް ވެސް ގޯތި ލިބޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން މިއަދު ރައީސް ސޯލިހު ވަނީ ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފައްޓަވައި ދެއްވައިފައެވެ. އެ މަޝްރޫއުގެ ދަށުން ގުޅީފަޅުގެ ބިމަށް އިތުރު 150 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެއެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު އަކީ މާލޭގެ ބޯހިޔާވަހިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެ މަޝްރޫއުއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ގުޅީފަޅު ތަރައްގީ ކުރުމަކީ މުޅި ރާއްޖެ އަށް ފެތުރިގެން ދާނެ ތަރައްގީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ވެސް މަދުވެގެން 2200 ގޯތި ދިނުމަށް އަޅުގަނޑުމެން ވާނީ ނިންމާފައި. މި ދެންނެވި ތިން މަޝްރޫއުގެ ދަށުން [ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅު] ބިންވެރިޔާ ސްކީމުގެ ދަށުން މިބުރުގައި އެކު ޖުމްލަ 6،200 ގޯތި ދޫކުރުމަށް މިހާރު އަޅުގަނޑުމެން ވާނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭނެ މީހުންގެ ލިސްޓު އާއްމު ކުރި ދުވަހު މިނިސްޓަރު އަސްލަމް ދެންނެވި އަދަދަށްވުރެ އިތުރު އަދަދެއް ކަމަށެވެ.
ބިންވެރިޔާ ސްކީމުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް މިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާއިރު އެ ޝަކުވާތަކަށް ބެލުމަށްފަހު ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ގޯތިތައް ހަވާލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.