ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކަށް އެ ކޮމިޝަނުން ޖަވާބު ދީފިއެވެ.

ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 551 ޝަކުވާ އިލެކްޝަންސް އަށް ވަނީ ލިބިފައެވެ. ގާނޫނުގައި ބުނާ ގޮތުން ނަމަ އެ ޝަކުވާތަކަށް ފަސް ދުވަހުގެ ތެރޭގައި ޖަވާބު ދޭންޖެހެއެވެ.

އިލެކްޝަންސްގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޖޫން 11 އިން ޖޫން 22 ގެ ނިޔަލަށް، ޝަކުވާ އަށް ހުޅުވާަލައި،
‏އެ މުއްދަތުގެ ތެރޭގައި ލިބުނު 551 ޝަކުވާއަށް އިސީ އިން މިހާރު ޖަވާބު ދީފައި ވާނެ ކަމަށެވެ.

https://twitter.com/ismailhabeeb/status/1674741093437673473?s=46&t=M9M5hUKhSMLW6TzFVtCYOQ

”ލިބުނު ޝަކުވާތަކާ ގުޅިގެން، ވޯޓުލާމީހުންގެ ލިސްޓަށް އަންނާނެ ބަދަލު މި ހަފްތާތެރޭގައި ގެޒެޓް ކުރެވޭނެ. އަދި ވޯޓުލާމީހުންގެ އެންމެ ފަހުގެ ލިސްޓުވެސް ޢާންމު ކުރާނެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭނީ
‏މި ލިސްޓުގައި ތިބި މީހުންނަށް އެކަނި،” ހަބީބް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި 2،82،755 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 144،408 ފިރިހެނުންނާއި 138،347 އަންހެނުންނެވެ.

މިއީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށްވުރެ 20،620 މީހުންގެ އިތުރުވުމެކެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު އިންތިހާބުގެ ފުރަތަމަ ބުރު ބާއްވަން ނިންމައިފައެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު ދެވަނަ ބުރު ބާއްވަން އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.