އީދު ކުޅިވަރު ކަމުގައިވީ ނަމަވެސް އަދި އެހެން ކުޅިވަރެއް ކުޅުނު ކަމުގައިވީ ނަމަވެސް ހެދުން އެޅުމުގައި ވަކި މިންގަނޑުތަކެއް ހުންނަން ޖެހޭ ކަމަށް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިފަދައިން ވިދާޅުވެފައި މިވަނީ ގއ. ވިލިނގިލީގައި ބޭއްވި އީދު ޝޯއެއްގައި ނަށަން ތިބި ގްރޫޕެއްގެ އަންހެން ކުދިންތަކެއް ނިވާކަން ކުޑަ ހެދުންތަކެއް ލައިގެން ނަށަން އެރި މައްސަލައެއްގައި ގިނަ ބަޔަކު އެކަމަށް ފާޑު ކިޔަމުން އަންނަނިކޮށެވެ.

މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އީދަކީ ރަށުގެ ކުދިބޮޑު އެންމެން އެއްވެ އުފާފާޅުކޮށް ސަގާފީ ކުޅިވަރާއި ޒަމާނީ ކުޅިވަރުގެ ތެރެއިން އިޖުތިމާއީ ރޫހު އާލާ ކުރާ ދުވަސްވަރެއް ކަމަށެވެ.

"އީދު ކުޅިވަރުގައި ވެސް، އެހެނިހެން ކުޅިވަރުތަކުގައިވެސް ހެދުން އެޅުމުގެ ކޮންމެސް ކަހަލަ މިންގަނޑުތަކެެއް ހުންނަންޖެހޭ،" ޔުމްނާ ވިދާޅުވިއެވެ.

https://twitter.com/yumna_maumoon/status/1674712511218880513?s=20

މީގެއިތުރުން މިނިސްޓަރު ޔުމްނާ ވަނީ އީދު ކުޅިވަރު ސިޔާސީ ކުރުމަކީ ވެސް އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ އީދު ފާހަގަ ކުރުމުގެ ގޮތުން މަގުމަތީގައި މާލި ޕެރޭޑު ޒާތުގެ ހަރަކާތެއް ހިންގައިފައެވެ. ނަމަވެސް އެ ޕެރޭޑުން މުޅިން ފެނިގެން ދިޔައީ މިހާރުގެ ސަރުކާރަށް ފާޑު ކިޔުމާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ހިންގާ ބައެއް މަންޒަރުތަކެވެ.

https://twitter.com/yumna_maumoon/status/1674708496351387650?s=20

"ޢީދަކީ ރަށުގެ ކުދިބޮޑު އެންމެން އެއްވެ އުފާފާޅުކޮށް ސަގާފީ ކުޅިވަރާއި ޒަމާނީ ކުޅިވަރުގެ ތެރެއިން އިޖުތިމާޢީ ރޫޙު އާލާ ކުރާ ދުވަސްވަރެއް. ޢީދު ކުޅިވަރު ސިޔާސީކުރުން އެއީ ރަނގަޅު ކަމެއް ނޫން،" ޔުމްނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގައި މުސްލިމުންނަށް އަންނަ ދެ އީދު ކަމަށްވާ ފިތުރު އީދާއި އަޟްހާ އީދުގެ ހުތުބާގައި އީދު ފާހަގަ ކުރުމަށް ވަކި މިންގަނޑުތަކެއް އޮންނަކަން އަންނަނީ ހަނދުމަކޮށްދެމުންނެވެ. އެގޮތުން މިއަހަރުގެ އަޟްހާ އީދު ދުވަހުގެ ހުތުބާގައި އީދު ފާހަގަ ކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުން ނޫން ކަމަށެވެ. އީދަކީ މާތް ރަސްކަލާނގެ ހައްދުތަކާއި ހުރުމަތްތައް ގިރާ ކުރުމަށް ހުޅުވިގެންދާ ދޮރެއް ނޫން ކަމަށެވެ. ހުތުބާގައި ބުނީ އީދު ފާހަގަ ކުރުމަކީ އުފާފާޅު ކުރުން ކަމަށެވެ. ނަމަވެސް އެއީ މާތްރަސްކަލާނގެ އަންގަވާފައިވާ އިންތަކުގެ ތެރެއިން ކަމަށް ހަނދުމަކޮށްދިނެވެ.