ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމާއެކު އެންމެ ފުރަތަމަ އެ ކޮމިޝަނަށް ހުށަހަޅާނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުން ބަލި ކުރުމަށްޓަކައި، އިދިކޮޅު ޕާޓީތައް އެއްވެ ރިޔާސީ އެއް ކެންޑިޑޭޓަކު ނެރުމުގެ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން "އޯޝަން ވީކްލީ"ގެ ނަމުގައި ނެރެމުން އަންނަ މަޖައްލާއެއްގައި ވެސް ވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް ނެރުމާއި ގުޅޭ ލިޔުމެއް ޝާއިއު ކޮށްފައެވެ.

އެ ލިޔުމަށް ފާޑު ވިދާޅުވެ ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަޖައްލާގައި ވަނީ ހުވަފެނީ ވާހަކައެއް ކަމަށެވެ. ރައީސް ޔާމީނަކީ ސިޔާސީ ޕާޓީތަކުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅި ރިޔާސީ ކެންޑިޑޭޓު ކަމަށް އޭނާ ވިދާޅުވިއެވެ.

https://twitter.com/Shiyamaldives/status/1674619300643213318?s=20

"އަދި 23 ޖުލައިގައި އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނަށް ވަންނާނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އެފަދައިން ވިދާޅުވިއިރު އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ދަ ޑިމޮކްރެޓްސް އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން މިހާރު ސަރުކާރުން ހިންގާ މައިޕާޓީ އެމްޑީޕީގެ ތެރެއިން ވަކިވެވަޑައިގެންނެވި މެންބަރުންތަކަކާއެކު ރަޖިސްޓްރީ ކުރުމަށް ނިންމާފައިވާ ޕާޓީއެކެވެ.

އެ ބައްދަލުވުމުގައި ޑިމޮކްރެޓުންގެ ފަރާތުން އާޒިމްގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެ ބައްދަލުވުންތަކުުގައި ޝިޔާމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ބައިވެރިވެވަޑައިގަންނަވާނެއެވެ.