މާލެއިން ފުރަތަމަ ފަހަރަށް ގޯތި ދޭން ސަރުކާރުން ނިންމާ ގޯތި ދޭން ނިންމުމުންއެކަން ބޭ އިންސާފަކަށްވެގެން އެއް ބަޔަކު ނިދިން މަހްރޫމްވެއްޖެއެވެ. އަދި ވަކި ބަޔަކަށް ބިން ދީގެން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ގޮތުގައި ޕީޕީއެމުން ދެކި އެކަން ކުށްވެރިކޮށްފިއެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަމުގައި ފްލެޓްތައް ބަހާލި ގޮތް ހަނދާނެއް ނެތެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިހާރު މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ބަހާލި ހިޔާ ފްލެޓްތަކުގެ ވާހަކައަކީ ގިނަ ދިވެހިން އަދިވެސް ހަނދާނުން ނެތިގެން ނުދާ ކަންކަމެވެ. ފްލެޓަށް ފޯމް ހުށަހަޅަން ރައްޔިތުންނަށް ޖެހުނީ ދަރުބާރުގެ އާއި ހައުސިން މިނިސްޓްރީ ކުރިމަތީގައި ދަންވަރު ކިއު ޖައްސައިގެންނެވެ. ފޯމް ހުށަހަޅަން ރައްޔިތުން ނިކުތީ ގަދަ އައްވާއި ބޯ ވާރޭގަ އެވެ. ޓެކްނޮލޮޖީގެ އެއްވެސް ނިޒާމެއް ނެތެވެ. ފްލެޓް ލިބުނު ބައެއް މީހުންނަކީ އަސްލު ވެސް ފޯމް ހުށަހެޅި ބައެއްކަން ކަށަވަރުވާނެ ގޮތެއް ނެތެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވާ ފްލެޓް ލިބޭނެ މީހުންގެ ލިސްޓް އޭރުގެ ސަރުކާރުން އިއުލާންކުރީ ދެ ފުށް ފެންނަ ގޮތަކަށް ނޫނެވެ. ފްލެޓް ލިބުނު މީހުންގެ ނަމެއް އަދި ރަށެއް ނުވަތަ އައިޑީކާޑު ނަމްބަރެއްހާ މިންވަރުވެސް ހާމައެއް ނުކުރި އެވެ. އާންމުކުރީ ހުށަހެޅި ފޯމްގެ ނަމްބަރެކެވެ. ރައްޔިތުން ހަޅޭލައްވައި އާދޭސް ކުރީމާ ވެސް ފާޅުގާ ބުނީ ނޫނެކޭއެވެ.
ޕީޕީއެމްގެ ވެރިކަމުގައި ފްލެޓްތައް ބަހާލި ގޮތުގެ ވާހަކަ ދައްކާ ނަމަ އެއީ ރާއްޖޭގެ ބޯހިޔާވަހިކަމުގައި ހިންގި އެންމެ ބޮޑު ޚިޔާނާތެވެ. އެއް އާއިލާގެ އެތައް ބަޔަކަށް ފްލެޓް ދިނެވެ. އޭގެ ތެރެއިން ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި އެ ނޫން ސަރުކާރުގެ ނަން ހިނގާ ބޭބޭފުޅުންގެ އާއިލާތައް ހިމެނުނެވެ. ޕީޕީއެމްގެ އިސް އެކްޓިވިސްޓުންނާއި އެ ޕާޓީއަށް އަލަށް ސޮއިކުރި މީހުން ހައިރާންވާހާ މަތިން ޕޮއިންޓް ހޯދައިގެން ފްލެޓް ހޯދިއިރު މާ ހާލުގައި މާލޭގެ އަލިފާން ފޮށިތަކުގައި ދިރިއުޅުނު އެތައް ބަޔަކަށް އެއަށްވުރެ ގިނަ ޕޮއިންޓް ލިބި އެކަމަކު ފްލެޓެއް ނުލިބުނެވެ. ރައްޔިތުން ނިކުމެ ކުރި ސުވާލުތަކަށް ޖަވާބުދާރީނުވެ އޭރުގެ ސަރުކާރުން ބުނީ އެއީ އިއްތިފާގެއް ކަމަށެވެ. މި ސަރުކާރު އައިސް ޖެހުނީ ބޮޑު ކޮމެޓީއެއް ހަދައިގެން އެކަންކަން ހަމައަކަށް އަޅުވާށެވެ.
ނަމަވެސް މިއަދު ކަން އޮތީ އެގޮތަކަށް ނޫނެވެ. ބިން ލިބޭ މީހުންގެ ފުރިހަމަ ނަމާއި އެޑްރެހަށް ދާންދެން އެންމެންނަށް ފެންނަން އެބައޮތެވެ. ބިން ނުލިބޭ މީހުންނަށް ނުލިބޭ ސަބަބު އެބަ އެނގެއެވެ. އެހެންވީމަ ނުހައްގުން ބަޔަކަށް ބިން ލިބެން އޮތަސް އެ ވާހަކަ ދެއްކުމުގެ ފުރުސަތު އެންމެންނަށް އެބައޮތެވެ. ރާއްޖެއިން ބޭރު ބަޔަކަށް މާލެއިން ބިން ލިބޭ ވާހަކަ މިހާރު ސޯޝަލް މީޑިއާގައި ފެންމަތިވެގެން އުޅެނީ ވެސް އެހެންވެގެންނެވެ. އެ ޝަކުވާތަކަށް ބެލުމަށްފަހު ދާއިމީ ލިސްޓަށް އަދި އިތުރު ބަދަލުތަކެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.
މިފަހަރު ބިން ދޭން އިއުލާން ކުރިއިރު އެއްކޮޅެއް އިދިކޮޅެއް ނެތެވެ. އެންމެ ގަދައަށް ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ މަޖިލިސް މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ވެސް ވަގުތީ ލިސްޓް އޮތްގޮތުން ބިން ލިބެއެވެ. ލިސްޓުގައި ބައެއް ކަހަލަ މައްސަލަތައް ހުއްޓެއްކަމަކު ސިޔާސީ ވަކި ފިކުރަކަށް އިސްކަން ދީފައިވާތީ ނުފެނެ އެވެ.
މި ސަރުކާރުން ބިން ދޭން ނިންމުމުގައި އިސްލާހުކުރަން ޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެހެނަސް އެއްވެސް ސަރުކާރަކަށް ނުކުރެވި އޮތް ކަމެއް މި ސަރުކާރުން އަލަށް ފެށީ ޕީޕީއެމްގެ ވެރިކަމުގައި ފްލެޓްތައް ބަހާލި ގޮތަށް ނޫންކަން ގިނަ ބަޔަކު ގަބޫލު ކުރާނެ އެވެ.