"މިވާހަކަ ދައްކާ ދައްކާ ދައްކާ މުޅިން ގޯސްވެއްޖެ. މިކަމަށް އެއްވެސް ހެޔޮ ބަދަލެއް، ކުލަބުތަކުގައި ތިބިވެރިން ވެސް އެބަ ޖެހޭ މިއަށް ވިސްނަން. އެމީހުންގެ އަމިއްލަ ޖީބަށް އެ އަންނަ ލާރިކޮޅުގެ ބަދަލުގައި ހަގީގަތުގައި އެމީހުން އެބަ ވިސްނަންޖެހޭ މިކަންކަމާ."
މިއީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ލައިވް މެޗެއްގެ ކޮމެންޓްރީގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަދި ކޯޗުކަންވެސް ކޮށްފައިވާ ސޮބާހް މުހައްމަދު (ސޮބާ) ދެއްކި ވާހަކައިން ތަންކޮޅެކެވެ. ދިވެހި ފުޓުބޯޅަ މިވަގުތު އޮތް ހާލަތުގެ ހިތާމަވެރި ހާލަތާ ބެހޭ ގޮތުން ޖަޒުބާތީ ވާހަކަތަކެއް ސޮބާ ދެއްކި އިރު، އޭނާގެ ވާހަކައިގައި ވެސް ފާހަގަކުރި އެއްކަމަކީ ދިވެހި ފުޓުބޯޅަ ގޯހުން ގޯހަށް ގޮސްފައި އޮތީ ވަރަށް ގިނަބައެއްގެ އިހުމާލުންކަމެވެ. ހާއްސަކޮށް ފުޓުބޯޅައިގެ މައި ތަނބުތައް ކަމަށްވާ ކުލަބުތަކުގެ ބޮޑު އިހުމާލެއް މިކަމުގައި އޮތްކަން އޭނާގެ ވާހަކައިން ވަރަށް ސާފުކޮށް އިނގެއެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ކުލަބަކީ ރާއްޖޭގެ ފުޓުބޯޅައިގެ މައި އަށްތަންބެވެ. ގިނަ ކުލަބުތައް ދަރައި، ދެން އޮތް ކުލަބުތަކުން ގޮތް ހުސްވެފައިވާ އިރު، އޭގެ އެންމެ ބޮޑު އަސަރެއް ފެންނާނެ އެއްކަމަކީ ގައުމީ ޓީމުގެ ޕާފޯމެންސެވެ. ކުލަބު ފުޓުބޯޅައިގެ ފޯރި ގެއްލިފައި އޮންނަތާ ދުވަސްތަކެއްވީއިރުވެސް އެވާހަކަ މާގިނަބަޔަކު ނުދައްކާ ތިއްބަސް ގައުމީ ޓީމު މުބާރާތެއް ކުޅެންޏާ، ގައުމީ ޖޯޝާއި ފޯރީގައި ދައްކާނެ ލައްކަ ބައިވަރު ވާހަކަ ހުރެއެވެ. އެކަން މިއަދުވެސް ސޯޝަލް މީޑިއާ ބަލާލުމުން ފެންނާނެއެވެ. ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވާދަކުރާތާ 26 އަހަރުފަހުން އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން މުޅިން އަލަށް ކެޓުމުން އެންމެން ވެސް އެވާހަކަ އެމީހެއްގެ ޝުއޫރުތަކާއި، އެނަލިސިސް ހެދުނު ގޮތަކަށް ހަދައިގެން ހިއްސާ ކުރާތަން ފެނުނީ މަދެއްކޮށް ނޫނެވެ. ކުލަބުތަކާއި، ގައުމީ ޓީމާއި ގުޅުން އޮންނަ މިންވަރު އެވާހަކަތަކުން ވަރަށް ވެސް ސާފުވެއެވެ.
އެފްއޭއެމް “ބަދަލު” ކުރެވޭނީ ކުލަބުތަކަށް
ސާފް މުބާރާތުން ކެޓުމާއެކު އެންމެ ގިނަބަޔަކު އިނގިލި އަނެއްކާވެސް ދިއްކޮށްލީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ދިމާލަށެވެ. ފުޓުބޯޅައިގެ ހާލަތު މިހާ ބޮޑަށް ގޯސްވެގެން މިދިޔައީ ބައްސާމްގެ ލީޑާޝިޕުގައި ކަމަށާއި، ދެން ފުޓުބޯޅަ ސަލާމަތް ކުރެވޭނީ ބައްސާމް އިސްތިއުފާ ދީގެން ކަމަށް ބުނި މީހުންވެސް މަދެއް ނޫނެވެ. އެކަމަކު މިއީ އިއްޔެއަކު މިއަދަކު ބަޔަކު ދައްކަން ފެށި ވާހަކައެއް ނޫނެވެ. ބައްސާމް ގޯސްވަންޏާ އަބަދުވެސް ގޯހެވެ. ކޮންމެ އަހަރަކުވެސް ގައުމީ ޓީމު މުބާރާތަކަށް ގޮސް ކަޓައިގެން އަންނަ އިރު ބައްސާމް ވަރުގެ ގޯސް މީހަކު ނުހުރެއެވެ. އަނެއްކާވެސް އެވާހަކަ ހުއްޓާލާފައި ބައްސާމް ގޯސްވަނީ ދެން އޮންނަ މުބާރާތުގައެވެ.
[caption id="attachment_53998" align="alignnone" width="2560"] ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރިމެޗުގެ ތެރެއިން: މެޗުން ބަންގްލަދެޝް މޮޅުވީ 1-3 ގެ ނަތީޖާއަކުން — ފޮޓޯ:މުހައްމަދު އަފްރާހް/ހަތާވީސް[/caption]
ބައްސާމް ގޯސްވެގެން މީގެ ކުރިން ކުލަބުތައް ވެސް އުޅުންތަން ފެނުނެވެ. ހާއްސަކޮށް ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ދެ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓާއި، ވިކްޓަރީއިން ވަރަށް ވެސް ގަދައަށް އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ޖެއްސިއެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ގިނަ ކުލަބުތަކުގެ ވެސް އަގުލަބިއްޔަތު ހޯދައިގެން 2018 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ބައްސާމްގެ ނުފޫޒު މާ ގަދައީއެވެ. ކަން ނިމުން އިރު އެ ދެކުލަބުވެސް ފުޓުބޯޅައިން ސަސްޕެންޑް ކޮށްލައި، ބާކީ ތިބި ކުލަބުތައް ބައްސާމްގެ ބާރުގެ ދަށަށް ގެނައިތަން ފުޓުބޯޅައިގެ ތެރޭގައި މިވީ ފަސްވަރަކަށް އަހަރު އުޅެފައި ތިބި އެންމެންނަށް ވެސް އެނގި ސާފުވާނެއެވެ.
ބައްސާމުގެ ކޮރަޕްޝަންގެ ވާހަކަ، އެފްއޭއެމްއަށް ދޭ ލާރިއަށް ވާގޮތް ނޭނގޭ ވާހަކަ، އެފްއޭއެމްގެ ސްޓާފުންނާއި ގައުމީ ކޯޗުން އަދި ރެފްރީންނަށް މުސާރަ ނުދޭ ވާހަކަތައް ވެސް އެތައް ބަޔަކު ދައްކަ ދައްކާ ތިއްބާ ދެވަނަ ދައުރަކަށް އޭނާ ވަނީ ހޮވިވަޑައިގެންފައެވެ. މީގެ ތިން އަހަރު ކުރިން ބައްސާމް އިންތިހާބު ކުރުމަށް ކޮންގްރެސްގައި ބައިވެރިވީ މާޒިޔާ، އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީންސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ، ޕީކޭ، ޖޭޖޭ ސްޕޯޓްސް، މަހިބަދޫ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، ރެޑްލައިން ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އެވެ.
އެފްއޭއެމް ހައުސްގެ ޓެރަހުގައި ބޭއްވި އެ ކޮންގްރެސް ކުރިއަށް ގެންދިޔައީ މީޑިއާ އަށް ދައުވަތު ނުދީ އެވެ. އެއީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން، ގިނަ އަދަދެއްގެ ބަޔަކު އެއްކުރެވެން ނެތުމުންނެވެ. އެކަމަކު ކޮންގްރެސް އެފްއޭއެމްގެ ފޭސްބުކް ޕޭޖުން ދިޔައީ ލައިވްކުރަމުންނެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފީފާ އާއި އޭއެފްސީގެ މަންދޫބުން ދިޔައީ ބަލަމުންނެވެ.
[caption id="attachment_54304" align="alignnone" width="1140"] އެފްއޭއެމްގެ 2020 ވަނަ އަހަރުގެ އިންތިހާބީ ކޮންގްރެސް ކުރިއަށްދަނީ. --ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް[/caption]
އެފްއޭއެމްގެ މަތި ފަޑި އޮތީ ބައްސާމްގެ އަތް ދަށުގައި؟
އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް ހޮވުނީ މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ. ނައިބް ރައީސަކަށް ހޮވުނީ އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) އެވެ. އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހޮވުނީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއު އެވެ.
މި ލިސްޓް ބަލާލުމުން މުޅިންހެން މި ފެންނަނީ ކުލަބުތަކުގެ އިސްވެރިންނެވެ. އެހެން ގޮތަކަށް ބުނާނަމަ ބައްސާމުގެ އަރިހުގައި މުޅިންވެސް އެތިބީ ކުލަބުތައް ހިންގަން ތިބި އެކުލަބުތަކުގެ "ބޮހުން"ނެވެ. އެހެން ކަމަށްވާނަމަ އެ ކުލަބުތައް ބައްސާމްގެ ބަސްއަހަންޖެހޭނެއެވެ. މަގާމު ދީފައި، އެފްއޭއެމްގެ ބަސް ކިޔޭ ހިސާބަށް ކުލަބުތަކުގެ ވެރިން ގެނައުމުން އެ ހުރިހާ ކުލަބުތަކުން ބައްސާމް "ގޯހޭ ގޯހޭ" ކިޔަ ކިޔައިފައި ވެސް ގޮސް އެންމެ ފަހުން ދެވަނަ ދައުރަކަށް ހޮވީއެވެ.
އެކަމުގެ ހިތި މާގިނަ ދުވަހެއް ނުވެ ކުލަބުތަކަށް ވަނީ ދިމާވެފައެެވެ. އެކަމަކު އެއީ ވަގުތު ފާއިތުވި ފަހުންނެވެ. އެފްއޭއެމުން ކުލަބުތަކަށް ދޭނެ ކަމަށް ވައުދުވި ފައިސާ ލަސްވަމުން ލަސްވަމުން ގޮސް އިނދަޖެހުނު އިރު ވެސް އެ ފައިސާއެއް ނުލިބުނެވެ.
"ދިވެހި ފުޓްބޯޅައަށް ގޮތެއް ނުކިޔާތާ އެތައް އަހަރެއް. ނަމަވެސް މިއަދު މެޗުގެ 90 މިނެޓުގެ ނަތީޖާއަކީ މިއަދުގެ ނަތީޖާއެއް ނޫން. އެއީ 12 އަހަރު ނުބައި ދިމާލަކަށް ދިޔަ ދިވެހި ފުޓްބޯޅައިގެ ނަތީޖާ. ކަމެއް ރަނގަޅު ކުރަންޏާ އެންމެ ފުރަތަމަ ކަމަކީ ކަމެއް ގޯސްކަން އެންމެން އެއްބަސްވެ، ގަބޫލުކުރުން.. ކުރިއަށް ރަނގަޅު ދިމާލަށް ދާން ފިޔަވަޅު އެޅޭނެ ހިސާބަކީ އެއީ،" އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ މަރުޒޫގު އަހުމަދު ބަންގްލަދޭޝް ކައިރިން ރާއްޖެ ބަލިވި މެޗަށްފަހު ބުންޏެވެ.
މަރޭގެ ވާހަކައިންވެސް ވެސް އެނގޭކަމަކީ ފުޓުބޯޅައިގެ އިހުމާލަކީ މިއަދަކު ވި އިހުމާލެއް ނޫންކަމެވެ. ކުޅުންތެރިން ހިތްވަރާއެކު ގައުމީ ޓީމުގައި ކުޅެމުން، ކްލަބުތަކުގައި ކުޅެމުން ދިޔަ ނަމަވެސް، އެ ކުޅުންތެރިން އުފުލާ ތަކުލީފުތައް އިންތިހާއަށް ބޮޑުކަމެވެ. ކްލަބުތަކުގެ ހާލަތު ބޮޑުތަނުން ދަށްވެ، ހިންގުން އޮތީ ބޮއްސުން ލައިފަކަމެވެ.
މި ހުރިހާ ކަމެއް ގޯސްކޮށް ދާކަން ވެސް ދިވެހި ފުޓުބޯޅަ ބަލައި އެންމެންނަށް ފެންނަ އިރު، މިއަދު އަނެއްކާވެސް މި ވާހަކަ ދައްކަން މިޖެހުނީ މުހިއްމު ވީމައެވެ. ގައުމީ ޓީމުގެ ނަތީޖާ ގޯސްވެ، އެ ޓީމުގައި ހުރި ކޯޗުވެސް ގޯސްވެގެން އެންމެން އުޅޭއިރު، މިކަން ރަނގަޅު ކުރެވޭނެ ފޯމިއުލާ އޮތީ ކުލަބުތަކުގެ އަތްމަތީގައިކަން ހާމަކޮށްދިނުމަށެވެ. ފަސް އަހަރުގެ ދައުރު ނިންމާފައި ބައްސާމް އަނެއްކާވެސް އިންތިހާބަށް ކުރިމަތިލާ އިރަށް މޮޅު ދަންތުރައެއްގައި ނުޖެހި ފުޓުބޯޅަ ސަލާމަތްކޮށްދޭތޯ ކުލަބުތަކުގެ ކުރިމަތީ ކުޑަކަކޫ ޖަހައިގެން ކުރާ އާދޭހެއްގެ ގޮތުގައެވެ.
އަންނަ އިންތިހާބަށް ބާކީ ދެ އަހަރެއްހާ ދުވަސް އޮތް އިރު، ކުލަބުތަކުން ޖީބަށް ވަންނަ ފައިސާއަށް ވުރެން ބޮޑަށް ވިސްނައިގެން ނޫނީ ދެން ވެސް އިތުރު ފަސް އަހަރަށް ފުޓުބޯޅައިގެ މިސްރާބު ގޯސްވިޔަ ނުދިނުމަކީ ކޮންމެ ދިވެއްސެއްގެ ވެސް އެދުމެކެވެ.