ޒާތީ ހަސަދަ އާއި ނަފްރަތުން އެއްކިބާވެ، އަހުވަންތަކަމުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވީ އަޟްހާ އީދާ ގުޅިފައިވާ ހައްޖުގެ މަތިވެރި އަޅުކަމުގައި ހިމެނޭ ކޮންމެ ކަމަކުން ވެސް ރަމްޒުކޮށްދެނީ، އިންސާނީ ދަރިފަސްކޮޅުގެ މެދުގައި އޮންނަންވީ ގާތް ގުޅުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދީ، ހެޔޮ ފޯރުވައި އުޅުމުގެ މުހިންމުކަން ކަމަށެވެ.

ހައްޖުގެ އަޅުކަމުން ލިބިދޭ އެންމެ މަތިވެރި އިބްރަތަކީ، އެންމެހައި އިންސާނުންގެ ހަމަހަމަކަމާއި، އިންސާނީ ކަރާމާތްތެރިކަމުގެ އަގު މާތްކަން ކަމަށާއި އެފަދަ މަތިވެރި އަޅުކަމަކާ ވިދިގެން އަންނަ އެ އުފާވެރި އީދު ދުވަހުގައި، އެ މަތިވެރި ފިލާވަޅުތަކުން އިބްރަތް ހާސިލުކުރަންޖެހޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އީދުގެ އެންމެ މަތިވެރި މަގުސަދަކީ، އެކަކު އަނެކަކަށް މައާފްކޮށް ހިތްހެޔޮކުރުމެވެ. ޒާތީ ހަސަދަ އާއި ނަފްރަތުން އެއްކިބާވެ، އަހުވަންތަކަމުގައި ދެމިތިބުމެވެ. ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަޙްމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ހިތްތަކުގައި ކިތަންމެ ކުޑަ މިންވަރެއްގެ ވިޔަސް، ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމެއް ނުބޭއްވުމަށް ޢަޒުމް ކަނޑައަޅައި އެ ގޮތުގައި ދެމިހުރުމުގެ މަސައްކަތް ފެށުމަށް މިއީ ނުހަނު ރަނގަޅު މުނާސަބަތެކެވެ" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ މި މަތިވެރި އީދުގައި އުފާ ފާޅުކުރާއިރު، އިސްނަގަންވީ އާއިލާގެ ތެރެއިން ކަމަށާއި މައިންބަފައިންނާ ބައްދަލުކޮށް، އިހުތިރާމާއި އޯގާތެރިކަމާއެކު އީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ. އެގޮތުން އަނބިދަރިންނަށް ހަދިޔާ ދީ، ލޯތްބާއި ކުލުނާއެކު އީދުގެ އުފާ ފާޅުކުރެއްވުމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަޙުމަތްތެރިންނަށް ޒިޔާރަތް ކުރައްވައި، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު ޢީދުގެ ތަހުނިޔާ ބަދަލުކުރައްވާށެވެ. އުފާވެރި ހިނިތުންވުމަކާއެކު ކޮންމެ މީހަކާ ވެސް ބައްދަލުކޮށް، މުޖްތަމަޢުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތް ކުރައްވާށެވެ." ރައީސް ވިދާޅުވިއެވެ.

މިފަދަ އުފާވެރި ކޮންމެ މުނާސަބަތަކީ، ތިބި ނިކަމެތިންނާއި ފަގީރުންނާއި މިސްކީނުންގެ މަތިން ހަނދާންކޮށް، އެމީހުންނަށް އެހީތެރިވެ، އެމީހުންނަށް ވެސް އުފަލާއި ހިތްހަމަޖެހުން ހޯދައިދިނުމަށް، މުޅި މުޖްތަމައު އެކުގައި މަސައްކަތް ކުރަންޖެހޭ މުނާސަބަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.