ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ޖަނަވާރަކީ "ބޮޑު ބުޅަލެއް"ކަން ނ. މާފަރަށް ގޮސް އެ ޖަނަވާރު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ޔަގީންކޮށްދީފިއެެވެ.

އެމްއެންޑީއެފާއި ސިފައިންނާއި އެއާޕޯޓް ގުޅިގެން ހަތިޔާރާ އެކު، އެ ޖަނަވާރު ހޯދުމުގެ މަސައްކަތް ރޭގައި ވަނީ ކޮށްފައެވެ.

އެކަމާއި ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މާފަރު އެއާޕޯޓުގެ ފެންސުގެ އެތެރެއިން ހޭޅިފަށުން ގޮތް ނޭނގޭ ޖަނަވާރެއް ފެނުނުކަމުގެ ރިޕޯޓެއް އިއްޔެ ހަވީރު 17:00 ހާއިރު މާފަރު އެއާޕޯޓުގައި ތިބޭ ސިފައިންނަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ މައުލޫމާތާއިއެކު ލިބިފައިވާ ވީޑިއޯ ކްލިޕުން އެއީ ކޮން އެއްޗެއްކަން ޔަގީންކުރެވިފައި ނުވާތީ، މާފަރުގައި ތިބޭ ސިފައިން މާފަރު އެއާޕޯޓާއި ގުޅިގެން އެ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.

"އިއްޔެއާއި ރޭ ކުރެވުނު މަސައްކަތުން އެއްވެސް އެއްޗެއް ފެނިފައި ނުވާތީ، ވީޑިއޯ ކްލިޕުން ފެނުނީ ކޮންއެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި މިއަދު އިތުރު ސިފައިން މާފަރަށް ގޮސް މާފަރު އެެއާޕޯޓްގެ ސަރަހަައްދު ވަނީ އެއްކޮށް ބަލާފައެވެ. ނަމަވެސް ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވެއެވެ. ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ހިނގާފައި ފަނިކޮށް ވީޑިއޯ ކުރެވިފައިއިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށްވުރެ ބޮޑުކޮށް ފެންނާތީ ހީވާ ހީވުމެއް ކަމަށް،" އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.

އެކަމުގެ މައުލޫމަތު އެނގޭ މީހަކު "ހަތާވީސް"އަށް ބުނީ ވީޑިއޯއިން ފެންނަނީ ބުޅަލެއް ކަމަށާއި އެ ޖަނަވާރު ބޮޑު ކަމަށް ދައްކަނީ ވީޑިއޯ ތިރިން ނަގާފައި އިނުމުން ކަމަށެވެ.

"ތަންކޮޅެއް ތިރިން، [ވީޑިއޯ] ނަގާފައި އިނުމުން ބޮޑު ކަމަށް ދައްކަނީ. ހިއްކާފައި އޮތް ތަނެއް ވީމަ، ބިންގަނޑު ހުދުކުލާގައި އޮވެ، ބުޅާ މާ ބޮޑަށް އެ ފެންނަނީ. އެއީ ދެން ބޮޑު ބުޅަލެއް. ތަންކޮޅެއް ހަށިގަނޑު ރަނގަޅު ބުޅަލެއް،" މާފަރު މީހަކު ބުންޏެވެ.

މާފަރުން ވާހަކަ ދެއްކި މީހާ ބުނީ އާންމުވި ވީޑިއޯ ނަގާފައިވާ ސަރަހައްދަށް ސިފައިން ގޮސް، އަލުން ވީޑިއޯއެއް ނަގާފައިވާ ކަމަށެވެ. އެއަށްފަހު ވީޑިއޯގެ އެނާލިސިސް ހަދައި، މާފަރު ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.

އަލުން ނެގި ވީޑިއޯ އެނާލިސިސްއިން ދައްކާ ގޮތުން އެ ސަރަހައްދުން އެ ފެންނަނީ "ހެޔޮވަރު ބުޅަލެއް" ދާތަނެވެ. އަދި އެއާޕޯޓް ރަންވޭ ބޮޑުކުރާތީ އެ ސަރަހައްދުގައި ނޮޅާފައިވާ ވިނަގަނޑުގެ ފަހަތަށް ވަދެ، އެ ބުޅާ ގެއްލޭތަން ވީޑިއޯއިން ފެންނާތީ، އެއީ ބޮޑު ޖަނަވާރެއް ކަމަށް ނުބެލެވޭ ކަމަށެވެ.