މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެންމެ ހާލުގައި އާދެވުނު ޓީމަކީ ޕާކިސްތާން ޓީމެވެ. އެތައް ގޮތަކުން ދުއްތުރާ އާއި، ޖެއްސުން ކުރިމަތިވިޔަސް އެ ޓީމުގެ މާބޮޑު ޝަކުވާއެއް ނެތެވެ. ޓީމުގެ ފުރަތަމަ މެޗު ކުޅެން ޖެހުނީ 17 ގަޑިއިރުގެ ދަތުރަކަށްފަހުއެވެ. ދިގު ދަތުރެއް ކުރަންޖެހުނަސް، މެޗު ފަސްކޮށް ނުދިނުމުން ހަމަ އެ ދުވަހު ޖެހުނީ މެޗު ކުޅޭށެވެ. އެއަށްފަހު ދެ މެޗުން ބަލިވެ މުބާރާތުން ކެޓީއެވެ. ބާކީ އެއް މެޗު ކުޅެން އޮއްވައެވެ. އެކަމަކު ވެސް ކުޅުންތެރިންގެ ފަރާތުން މިއަދާ ހަމައަށް ވެސް ފެނުނީ އާދަޔާ ޙިލާފު ރޫހެކެވެ.

އެގޮތުން މުބާރާތުގެ ފަހު ފަރިތަކުރުންތަކުގައި މިއަދުވެސް ޕާކިސްތާން ކުޅުންތެރިންގެ ފަރާތުން ފެނުނީ ތަފާތު މަންޒަރަކެވެ. ޓީމު ކަޓާފައި އޮތަސް ކުޅުންތެރިންނާއި ކޯޗުން ވެސް ތިބީ ނޭޕާލް މެޗުން މޮޅުވުމަށް އުންމީދުގައެވެ. މުޅި ޓީމުގެ ވަށައިގެން ވެސް އޮތީ ވަރަށް ވެސް ގައުމީ ޖޯޝެކެވެ. އޮފިޝަލުންނާއި، ޓީމާއި އޮތީ ވަރުގަދަ އަދި އެހާމެ ސަކަ މިޒާޖެއްގެ ގުޅުމެކެވެ. އެކަންތައްތަކުގެ އިތުރުންވެސް ފާހަގަވި އިތުރު ކަމެއް އެބައޮތެވެ.

https://twitter.com/hathavees/status/1673424854627008513?s=20

ޕްރެކްޓިހަށް ބަހުގައި އައިސް ޓީމުން ދަބަސްތައް ބޭލުމަށްފަހު ފުރަތަމަވެސް އަވަސްވެގަތީ ނަމާދު ކުރުމަށެވެ. ގަޑިން 4:00 ޖަހާފައި ހުރުމުން އަސްރު ނަމާދު ކުރުމަށް ޓީމު އަވަސްވެގަން އިރު މިއީ ޕާކިސްތާން ޓީމުން ކޮންމެ ޕްރެކްޓިހެއްގައި ވެސް އާއްމުކޮށް ކުރާ ކަމެއް ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

[caption id="attachment_54081" align="alignnone" width="2560"] ޕާކިސްތާން ޓީމުގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން ނަމާދު ގާއިމް ކުރަނީ --- ފޮޓޯ: މުހައްމަދު އަފްރާހް | ހަތާވީސް[/caption]

ދެން ފެނުނު ތަފާތު އަނެއް ކަމަކީ ކުޅުންތެރިންގެ އެޓިޓިއުޑްއެވެ. ޓީމު އައިސް ބެންގަލޫރު ސްޓޭޑިއަމުގައި ތިބި ދިވެހި ތިން ނޫސްވެރިންނާއި ވާހަކަ ދައްކާ، ސަކަރާތް ޖެހިތަން ފެނުމަކީ ވެސް ޕާކިސްތާން ޓީމުން ފެނުނު ތަފާތު ކަމެކެވެ. ދިވެހި ޓީމުގެ ކުޅުންތެރިން ދަށްކޮށްލަނީއެއް ނޫނެވެ. އެކަމަކު ޕާކިސްތާނުގެ ކުޅުންތެރިންގެ އެ އެޓިޓިއުޑަކީ ފާހަގަކޮށްލެވުނު ރީތި ސިފައެއްކަމަށް ދެކެމެވެ.

"އަހަރަމެންގެ ފޮޓޯ ނަގައިދޭނެ ބަޔަކު ނާދޭ. ތި މީހުންގެ ފޮޓޯތައް ފޮނުވާތި،" ޕާކިސްތާންގެ މީޑިއާ މިފަހަރުގެ މުބާރާތަށް ނާދެވުމުން ފޮޓޯ ނުލިބޭ ކަމުގެ ޝަކުވާއާއެކު އެ ޓީމުގެ ޑިފެންޑަރު އަބްދުﷲ އިގްބާލް ދިވެހި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

[caption id="attachment_54078" align="alignnone" width="2560"] ޕާކިސްތާން ޓީމުގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން ނަމާދު ގާއިމް ކުރަނީ --- ފޮޓޯ: މުހައްމަދު އަފްރާހް | ހަތާވީސް[/caption]

ޕާކިސްތާން ޓީމުން މާދަމާ ނޭޕާލާ ދެކޮޅަށް ނުކުންނަ މެޗަކީ މި މުބާރާތުގައި އެ ޓީމުން ކުޅޭ ފަހު މެޗެވެ. މިދިޔަ ދެ މެޗުން އެ ޓީމު ބަލިވުމުގެ ފަހަތުގައި ހުރި ބައެއް ކަންކަމަށް ބަލާއިރު، އިންޑިއާއަށް އެ ޓީމުން އަންނަން ޖެހުނު ގޮތަކީ ވެސް ކުޑަ މިންވަރެކެވެ. މެޗު އޮތް ދުވަހުގެ މެންދުރެއްހާއިރު 10 ވަރަކަށް ގަޑިއިރު ދަތުރުކޮށް ނުނިދާ ތިބެފައި ބެންގަލޫރަށް އާދެވުނު އިރު، ފެންވަރާ ކާލައިގެން ދާން ޖެހުނީ ދަނޑަށް ކަމަށް އެ ޓީމުގެ ކޯޗު ވަނީ ކުރިން ބުނެފައެވެ.

ޕާކިސްތާނާއި ނޭޕާލް މާދަމާ ބައްދަލު ކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން 3:00 ޖަހާއިރުއެވެ.