ސަރުކާރުން އިއުލާނު ކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ އެންމެންނަށް މާލެ ސަރަހައްދުން ގޯތި ލިބިގެން ދާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން އިއުލާނު ކޮށްފައި ވަނީ މާލެ ސަރަހައްދުން 5،000 ގޯތި ދިނުމަށެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވަހިން 2000 ގޯއްވާއި ގުޅީފަޅާއި ގިރާވަރުފަޅުން 3000 ގޯތި ދޫކުރުމަށެވެ.

ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ 19858 މީހުން ޝަރުތު ހަމަވާ ކަމަށެވެ. އޭގެތެރެއިން މިއަދު ގެޒެޓް ކުރަނީ 10314 މީހުންނަށް ލިބޭ ގޯއްޗެވެ.

އަސްލަމް ވިދާޅުވީ ބާކީ ތިބި 9544 މީހުންނަށް ޖޮއިންޓުކޮށް އެޕްލައި ކުރެވޭނެ ގޮތެއް ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ގޮތް ހަދައި ދޭނެ ކަމަށެވެ. އަދި އެފަރާތްތަކަށް ވެސް ގޯތި ލިބޭނެ ގޮތްތައް މިނިސްޓަރު އަސްލަމް ހިއްސާ ކޮށްދެއްވިއެވެ.

އެގޮތުން ގިރާވަރު ފަޅާއި ގުޅީފަޅު ހިއްކުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައިގެން ވެސް އެ ތަނުން ވެސް ބައެއް ގޯތި ދޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ އެހެން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ރަށްރަށް ހިއްކައިގެން ވެސް ގޯތި ދެމުން އަންނަކަން ފާހަގަކުރައްވާ އަސްލަމް ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑާފައި ނުދޭތާ އެތައް ޒަމާންތަކެއް ވެއްޖެ ކަމަށެވެ. އެގޮތުގެ މަތީން މާލޭގެ ރައްޔިތުންނަށް ވެސް މާލެ ސަރަހައްދުން ގޯތި ލިބެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ވަނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މައުލޫމާތާއި އެމީހުންގެ ހާލަތު ދެނެގަތުމަށް އަމަލުކުރި ގޮތް މީޑިއާތަކާއި ހިއްސާ ކޮށްފައެވެ. އެގޮތުން ޕެންޝަން އޮފީހާއި ޑިޕާޓުމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަނުން މައުލޫމާތުތައް ހޯދާފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ވީޑިއޯ:

https://twitter.com/hathavees/status/1673300393110159360?s=20