އެއްވެސް ވަކި ފަރުދަކަށްވުރެ އެމްޑީޕީ އާއްމު މެންބަރުންނަށް ދިވެހި ގައުމާއި އެޕާޓީ މާ ބޮޑު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ އެމްޑީޕީ އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ފައްޔާޒު ވިދާޅުވީ މިއަދު އެމްޑީޕީ އަށް ލިބިފައިވާ ކާމިޔާބީ ލިބިފައި ވަނީ ފަސޭހަ ގޮތަކުން ނޫން ކަމަށެވެ. ހާއްސަކޮށް ދާދިފަހުން އެޕާޓީގެ އެތެރޭގައި ހިނގާ ދިޔަ ކޯޅުންތައް ފައްޔާޒުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޕާޓީއެއްގެ އެތެރެއިން ކުރިމަތިވާނެ ގޮންޖެހުންތަކަކީ ސިޔާސީ ޕާޓީއަކުން ކުރިމަތިލާނެ އެންމެ އުނދަގޫ މަރުހަލާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާޓީއައިގެން ކުރިޔަށް ދިޔައީ ކެތްތެރިކަމާއެކު ޕާޓީގެ މަސްލަހަތު ހިފެހައްޓާ އެމްޑީޕީގެ އަސާސް ކަމުގައި ޑިމޮކްރަސީގެ ހަމަތަކާއެކު އެންމެން ވެސް ކުރިޔަށް ނެރެގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ހިތި ހަގީގަތްތަކާއެކު ހިތުގެ އެއް ފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީ ބަރުދާސްތު ކުރި ކުރުން، އެވެސް ލިބުނު ތަޖުރިބާއެއް. މި ތަޖުރިބާ އިން ލިބުނު ފިލާވަޅަކީ ކުރިޔަށް އޮތް ތަނުގެ ކާމިޔާބީއަށް ހުޅުވުނު އާ ދޮރެއް. އެއްވެސް ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި އެމްޑީޕީ މިޕާޓީގެ މެންބަރުންނަށް މާބޮޑު،" ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެ ފަލްސަފާ އެޕާޓީގައި އަށަގަތުމަކީ އެމްޑީޕީ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"މިއަދަކީ އެމްޑީޕީ ޅަފަތުން އަރައިގެން ދުވަސް. 18 އަހަރުވުމަކީ ތަސައްރަފު ފުދުން، އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ ދެކޮޅު ހޯދާ ބަލައިގަތުމަށް އެމްޑީޕީ އަށް ފުރުސަތު ލިބިފައި މިވަނީ ވަރަށް މުހިއްމު ދަނޑިވަޅެއްގައި،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު އެމްޑީޕީގެ މެންބަރުން ކުރަންޖެހޭ ކަމަކީ އެކީއެކަށް ނިކުމެ އެޕާޓީ އަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައި ދިނުން ކަމަށެވެ. ފާއިތުވި ފަސް އަހަރު ދުވަހު ލިބިގެން ދިޔަ ކާމިޔާބީ ޒަމާންތަކަކަށް ދެމެހެއްޓޭނެ ގޮތަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހިނގަމުންދާ މަޝްރޫއުތަކާއި ނިމެމުންދާ މަޝްރޫއުތައް ދެމެހެއްޓޭނެ ހަމައެކަނި މަގަކީވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒުގެ ވީޑިއޯ މެސެޖުގައި އެމްޑީޕީ އުފެދިގެން އައި ގޮތާއި އެމްޑީޕީ އަށް 2008ވަނަ އަހަރު ވެރިކަން ލިބި އަދި އެ ވެރިކަމުގެ ފޮނިކަން ނުލިބުނުކަން ވަނީ ފާހަގަކުރައްވާފައެވެ. އެކަމުގެ ސަބަބުން ހަތް އަހަރު މަގުމަތީގައި އުޅެ އަލުން އަނބުރާ އެމްޑީޕީ އަށް ވެރިކަން ހޯދައި ދިނުމަށް ކުރި މަސައްކަތުގެ ހަނދާންތައް އައު ކުރެއްވިއެވެ.