އިލެކްޝަންސް ކޮމިޝަނުން މިހާރު އަމަލު ކުރަމުން އަންނަ ގޮތް ގޮތުން އެ ކޮމިޝަނާއި މެދު އިތުބާރު ކުޑަވަމުން އަންނަ ކަމަށް ބުނެ ސަރުކާރާއި ދެކޮޅު ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސަރުކާރާއި ދެކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ހަވީރު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އީސީން އަދިވެސް ރަޖިސްޓްރީ ކޮށްދީފައި ނުވާ ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީގެ އިތުރުން ޖޭޕީ އަދި އެމްއާރްއެމް އިން ވަނީ ބައިވެރިވެފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަދައިގެން ވާހަކަދައްކަވަމުން ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އީސީން ދީފައިވާ ހަސަން ލަތީފް ވިދާޅުވީ އިންތިހާބާއި ގުޅިގެން އީސީން ކުރިޔަށް ގެންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި ވަރަށް ގިނަ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. ސީދާ އީސީން ނޫނަސް ސަރުކާރުގެ ނުފޫޒު އެކަންކަމުގެ ތެރެއަށް ވަދެ އިންތިހާބާއި ގުޅޭ ގޮތުން ސަރުކާރުގެ ބައެއް އެހެން މުއައްސަސާތަކުން ކުރަމުން ގެންދާ ކަންކަމަކީ ވެސް ކަންބޮޑުވާން ޖެހޭ ފަދަ ކަންތައްތަކެއް ކަމަށް ހަސަން ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ އިންތިހާބެއް މިނިވަންވެ، ދެފުށް ފެންނަ އިންތިހާބަކަށް ވަނީ އެއީކީ ކޮންމެހެން ވޯޓުލާ ވަގުތު ވޯޓުލާ މީހާ ގޮސް ފޮއްޓަށް ކަރުދާސްކޮޅު ވައްޓާލާ ވަގުތު ހިނގާ ކަމެއްގެ ސަބަބުންނެއް ނޫން. އެއީ އޭގެ ވަށައިގެން ހުންނަ އެތައް ބައިވަރު ކަންކަމެއް އަދި ވަށައިގެންވާ ދުވަސްތަކާއި ވެސް އެކީގައި މިނިވަންކަމާއެކު އިންސާފުވެރިކަމާއެކީގައި ހިނގީމާ ނޫނިއްޔާ ރައްޔިތުންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން،" ހަސަން ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ސަރުކާރުގެ ނުފޫޒު އިލެކްޝަންސް ކޮމިޝަނުގެ ތެރެއަށް ވަންނަކަން ދިވެހި ރައްޔިތުންނަށް ދަލީލުކޮށްދޭ އެތައް ކަމެއް ހިނގާފައިވާ ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން އެބައޮތް ހުރިހާ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއެކު ގައުމީ ލަފާ ދޭ ކޮމެޓީއެއް އެކުލަވާލާފައި. އަޅުގަނޑު ހިތާމަކުރަން އިލެކްޝަނާއި ގުޅިގެން މިހާ ބޮޑެތި ކަންބޮޑުވުންތައް ހުރިއިރުގައި ގައުމީ ލަފާދޭ ކޮމެޓީގެ އެންމެ ބައްދަލުވުމެއްވެސް ބޭއްވުނީކީއެއް ނޫން. ގައުމީ ލަފާދޭ ކޮމެޓީ މިހާރު ގާތްގަނޑަކަށް އޮތީ ނޯޓިސް ބޯޑެއްގެ ސިފާގައި،" ޝިޔާމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ މިހާރަކަށް އައިސް އިލެކްޝަންސް ފެނިގެން ދަނީ, ސަރުކާރުގެ އެޖެންޓުންގެ ގޮތުގައި ކަމަށެވެ. ހާއްސަކޮށް އެ ކޮމިޝަނުގެ ބައެއް މެންބަރުން އެގޮތަށް އަމަލު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެންޕީގެ ފަރާތުން އެޕާޓީގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ އިލެކްޝަންސް ކޮމިޝަނަށް އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާ ކުރެވޭތަން ނުފެންނާތީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.