ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވަމުން އަންނަ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުން އިލެކްޝަންސް ކޮމިޝަނުން ލަސް ކުރާތީ، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށެވެ. ސިވިލް ކޯޓަށް ހަސަން ހުށަހެޅުއްވި މައްސަލާގައި ވަނީ އެޕާޓީ ރަޖިސްޓްރީ ކުރުން އިލެކްޝަންސް އިން ލަސް ކުރަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ.
ދައުވާގެ ތަފްސީލުގައި ބުނެފައި ވަނީ އެޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއެކު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ އަދަދަށް މެންބަރުންގެ ފޯމުތައް ހުށަހަޅައި އެ މެންބަރުންގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ވެސް ނިމިފައިވާއިރު އެޕާޓީ ރަޖިސްޓްރީ ކުރުން ލަސް ނުކުރާނެކަން އީސީން އަންގާފައިވާ ކަމަށެވެ.
"އެކަށީގެންވާ އެއްވެސް ސަބަބެއްނެތި ޕާޓީ ރަޖިސްޓްރީވެގެން ލަސް ކުރުމުގެ ނުނިޔަތުގައި ދައުވާ ލިބޭ ފަރާތުގެ [އިލެކްޝަންސް ކޮމިޝަން] މަސައްކަތްތައް ބައްޓަންކޮށް ޕާޓީ އުފެއްދުމަށް ދޭންޖެހޭ ހުއްދަ މިހާތަނަށްވެސް ނުދީ ހިފަހައްޓައިގެން ޕާޓީ އުފެދި ރަޖިސްޓްރީވެގެން ދިއުމަށް ހުރަސް އެޅޭ ގޮތަށް މަސައްކަތް ކުރަމުން ގެންދިއުމަކީ....." ދައުވާގެ ތަފްސީލުގައިވެއެވެ.
އަދި ބުނެފައި ވަނީ ގާނޫނުއަސާސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޝަރުއީ ހަމަތަކާއި ހިލާފަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުން ގެންދާ ކަމަށެވެ.
އީސީއާ ދެކޮޅަށް ޑިމޮކްރެޓުން ދައުވާ ކުރަން މައްސަލަ ހުށަހެޅިއިރު އެ ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، މިމަހުގެ ދެވަނަ ދުވަހު ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާނޭ ކަމަށާއި އަދި އެކަން، ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ ސީވީޑް ހަސަން ލަތީފަށް ދަންނަވާފައި ވާނެ ކަމަށެވެ.
ނަމަވެސް މިއަދު ހަވީރު ސަރުކާރާއި ދެކޮޅު ސިޔާސީ ގިނަ ޕާޓީތައް އެކުވެގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފައެވެ.