އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި އަދި ދާދިފަހުން އުފެއްދުމުގެ ހުއްދަ ދިން ދަ ޑިމޮކްރެޓްސް އާއެކު މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން މިހާރު ސަރުކާރުން ހިންގާ މައިޕާޓީ އެމްޑީޕީގެ ތެރެއިން ވަކިވެވަޑައިގެންނެވި މެންބަރުންތަކަކާއެކު ރަޖިސްޓްރީ ކުރުމަށް ނިންމާފައިވާ ޕާޓީއެކެވެ.

އެ ބައްދަލުވުމުގައި ޑިމޮކްރެޓުންގެ ފަރާތުން އާޒިމްގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެ ބައްދަލުވުންތަކުުގައި ޝިޔާމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަދު ހެނދުނު 11:00ގައި ބޭއްވި އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެ މަޝްވަރާ ބައްދަލުވުމަކީ އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި ވިދާޅުވީ އެކުގައި ދެޕާޓީން މަސައްކަތް ކުރާނީ ހަމައެކަނި އެ ދާއިރާތަކުގައި ކަމަށެވެ.

"މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ޕީޕީއެމް ޕީއެންސީން ދަ ޑިމޮކްރެޓުންނާއެކު މި ފެށި މަސައްކަތަކީ އިރާދަކުރެއްވިއްޔާ ހަމަ ސިލްސިލާކޮށް ކުރިޔަށް ދާނެ މަސައްކަތެއް،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ޑިމޮކްރެޓުންނާއެކު ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށާއި އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ދެ ޕާޓީ ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އޭނާ ވިދާޅުވީ އެ ބައްދަލުވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެކުގައި ކުރެވެން ހުރި މަސައްކަތްތަކަކީ ކޮބައިތޯ ބަލާ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އެ ބައްދަލުވުންތައް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަކިވަކި ކަންކަމަށް ބަލާލާއިރުގައި ރާއްޖޭގެ ދަރަނި އަޅުގަނޑުމެންނަށް އަތު ނުޖެހޭ ހިސާބަކަށް މިވަނީ ގޮސްފައި. މިއީ ހަމަ އަޅުގަނޑުމެން ދެޕާޓީން ވެސް ވަރަށް ކަންބޮޑުވާ ކަމެއް. އެހެންވީމަ މިހެން ހުރި ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން ކަންބޮޑުވާ އަދި ރަނގަޅު ކުރަންޖެހޭ ކަމަށް ގަބޫލުކުރެވޭ ކަންކަން،" އާޒިމް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެންބަރުންގެ އަދަދަކީ މަޖިލީހުގެ ހައެކެވެ. މިވަގުތު މައިނޯރިޓީގައި ޕީޕީއެމް އޮތް ނަމަވެސް، ދަ ޑިމޮކްރެޓްސް ރަޖިސްޓްރީވުމާއެކު އެޕާޓީ ވެގެން ދާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށެވެ. މި ދެޕާޓީން މިހާރުވެސް މަޖިލިސް ތެރޭގައި އަންނަނީ ގިނަ ކަންކަމުގައި އެކުގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވެސް މި ދެޕާޓީން އަންނަނީ އެކުގައި މަސައްކަތް ކުރަމުންނެވެ.