ކ. ވާވެއްދި ފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކަތައް ރައީސް ސޯލިހު ރައްދު ދެއްވައިފިއެވެ.

އެގޮތުން އެ މަސައްކަތް ވެސް ހުއްޓުވީ ސީދާ ސަރުކާރުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އޭނާ ވަނީ ރައީސް އޮފީހުގެ ތެރެއިން މުއައްސަސާތަކުގެ ވެރިންނަށް ކަންކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ކިޔައިދެމުން އަންނަ ކަމަށްވެސް ރޭ ބޭއްވި ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.

"ޅަ އިހަލުން ހަރު އެއްޗެހި އަޅަމުން އަޅަމުން ގޮސް މިހާރު ނެތް ގޮބޮޅިއެއްވެސް އަޅާކަށް،" ރައީސް ސޯލިހަށް ފާޑު ވިދާޅުވެ ގާސިމް ވިދާޅުވިއެވެ. އޭނާ ވަނީ ރައީސް ސޯލިހުު ޖެހޭނީ ގެއަށް ކަނޑާލަން ކަމަށްވެސް ގާސިމް ވަނީ ރޭ ވިދާޅުވެފައެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އެމްޑީޕީއަށް ސޮއިކުރުމަށް ސޯލްޓް ކެފޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިޔަކު ވަނީ ގާސިމް ދެއްކި ވާހަކައާ ގުޅުވާފައި ރައީސްއާ ސުވާލުކޮށްފައެވެ.

ރައީސް ސޯލިހު ދެއްވި ޔަގީންކަމަކީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އަދި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނީ ގާނޫނޫ އަސާސީއާ އެއް ގޮތަށް ކަމެވެ. އެއީ ވަކި މީހަކަށް އިސްތިސްނާވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތައްވެސް ރައީސް ވަނީ ދޮގުކުރައްވާފައެވެ.

"އަޅުގަނޑު ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި، ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިޔަސް އެއީ އެބޭފުޅެއްގެ ކަމެއް، އެކަމަކު އަޅުގަނޑެއް ގާނޫނު އަސާސީން ބޭރަށް ނުދާނަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ އެމަނިކުފާނާއި ކިތަންމެ ގާތް ބޭފުޅެއް ކަމުގައިވީ ނަމަވެސް އަދި އާއިލީ ބޭފުޅެއް ކަމުގުގައިވީ ނަމަވެސް ގާނޫނުއަސާސީ އިން ބޭރަށް ނުދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ މިނިވަން މުއައްސަސާތަކުން ކުރާ ކަންކަން ކުރިޔަށް ދާނެ ކަމަށާއި އެ މުއައްސަސާތަކުން ކުރާ ކަންކަމުގެ މައްޗަށް ނުފޫޒު ފޯރުވުމަކީ މިހާތަނަށް ވެސް ކުރެއްވި ކަމެއް ނޫން ކަމަށެވެ.

"ދެން ވެސް ނުކުރާނަން. އެ މައްސަލާގައި [ކ. ވާވެއްދި ފަޅު ވިއްކުމުގެ މައްސަލަ] ވެސް އަޅުގަނޑު ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި. ގާނޫނުން ބޭރަކަށް ނުދާނަން. ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވިއަސް،" ރައީސް ވިދާޅުވިއެވެ.

ޖާބިރު ސޮއި ކުރެއްވި ރަސްމިއްޔާތަށްފަހު ރައީސް ސޯލިހު ވިދާޅުވީ ޖާބިރު، އެމްޑީޕީއާ ގުޅުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމަށެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ޖާބިރުގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައިވެސް ޖާބިރުގެ އެހީތެރިކަން ލިބޭނެކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.