ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ވެރިކަންކުރާ ޕާޓީ އެމްޑީޕީއަށް މިއަދު ސޮއިކޮށްފިއެވެ.
ޖާބިރު، އެމްޑީޕީއަށް ސޮއިކޮށްފައިވަނީ ސޯލްޓް ކެފޭގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައެވެ. ޖާބިރުގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
”އަޅުގަނޑުގެ ފުލް ކެޕޭސިޓީގައި މަސައްކަތް ކުރާނަން. ފައިނޭންޝިއަލީ ވެސް، އަދަވައިޒް ވެސް،” އެމްޑީޕީ މަޖިލިސް ޕްރައިމަރީން ނާކާމިޔާބުވުމުން، އަމިއްލަ ގޮތުން މަޖިލީހަށް ވާދަކޮށް ކާށިދޫ ދާއިގެ ގޮނޑި ކާމިޔާބު ކުރެއްވި ޖާބިރު ވިދާޅުވިއެވެ.
އެމްޑީޕީއަށް ސޮއިކުރުމަށް ފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެމްޑީޕީ އަލުން އަނބުރާ ރުޖޫއަވީ ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ކަމަށެވެ. "100 ޕަސެންޓް ކާމިޔާބުވާނެ ކަމުގެ ގެރެންޓީ އެބައޮތް" ރައީސް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ވިދާޅުވިއެވެ.
ޖާބިރު ސޮއި ކުރެއްވި ރަސްމިއްޔާތަށްފަހު ރައީސް ސޯލިހު ވިދާޅުވީ ޖާބިރު، އެމްޑީޕީއާ ގުޅުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމަށެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ޖާބިރުގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައިވެސް ޖާބިރުގެ އެހީތެރިކަން ލިބޭނެކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
"މިއީ އެމްޑީޕީއަށާއި އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް. އަދި ކުރިއެރުމެއް،" ރައީސް ވިދާޅުވިއެވެ. އެކުގައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރެއްވިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ޖާބިރަކީ ރާއްޖޭގެ ޒުވާނުން ޖާބިރު ބަލައިގަންނަނީ ލީޑަރެއްގެ ގޮތުގައި ކަމަށެވެ.
ޖާބިރު 2010 ވަނަ އަހަރު ވެސް އެމްޑީޕީ އަށް ސޮއި ކުރިއެވެ. އޭރު އެ ޕާޓީ ދޫކޮށްލީ ޖެހުނު މައްސަލަތަކެއްގައެވެ. އޭގެ ފަހުން 2018 ގެ ރިޔާސީ އިންތިހާބަށްފަހު ވެސް ޖާބިރު ހުންނެވީ އެމްޑީޕީގައެވެ. އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކާށިދޫ ދާއިރާއަށް ވާދަ ކުރައްވައި ނާކާމިޔާބުވުމުން، އަމިއްލަ ގޮތުން ވާދަ ކުރެއްވުމުގެ ޖާގަ ހޯއްދެވުމަށް ސުޕްރީމް ކޯޓަށް ވަޑައިގެން ކާމިޔާބު ހޯއްދެވިއެވެ. ޖާބިރު ކާާާށިދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި 41 ވޯޓުގެ ތަފާތުން އެމްޑީޕީ ކެންޑިޑޭޓުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.