ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނޫޅުއްވައި "ގެއަށް ކަނޑާލަން"ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި އެ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ރައީސް ސޯލިހުގެ ސަރުކާރުން މަތިމައްޗަށް ގޯސް ހައްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންނަށް މި ސަރުކާރުން ކުރާ ކަންކަން މިއަދު އެނގޭ ކަމަށާއި އިތުރަށް ވެރިކަމަށް ކުރިމަތިލައްވަން ނޫޅުއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

"ޅަ އިހަލުން ހަރު އެއްޗެހި އަޅަމުން އަޅަމުން ގޮސް މިހާރު ނެތް ގޮބޮޅިއެއްވެސް އަޅާކަށް،" ރައީސް ސޯލިހަށް ފާޑު ވިދާޅުވެ ގާސިމް ވިދާޅުވިއެވެ.

ގާސިމް ގަބޫލުފުޅުކުރައްވާ ގޮތުގައި ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތީ ވެސް ސަރުކާރުގެ ސަބަބުންނެވެ.

"ބަލަ ސަރުކާރު ހިންގަން އޮތް ޕާޓީން [އެމްޑީޕީ] މި ކަންކަން ކުރީމާ ދެން ކީކޭތޯ ބުނާނީ. އެމީހުންނަށް ނޭނގޭތަ ރައީސް އާއި ނައިބު ރައީސްގެ ނޯ ކޮންފިޑެންސް ވޯޓު ލީމާ ރައްޔިތުންގެ މަޖިލިސް ޑެޑްލޮކަށް ދާނެކަން،" މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ގާސިމް ވިދާޅުވިއެވެ.

އެގޮތުން ގާސިމް ވަނީ މަޖިލިސް ހުއްޓިފައި އޮތުމުގެ ޒިންމާ ރައީސް ސޯލިހު ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ކ. ވާވެއްދި ފަޅު ހިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާ މައްސަލައާ ގުޅިގެން ވެސް ގާސިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެ މަސައްކަތް ވެސް ހުއްޓުވީ ސީދާ ސަރުކާރުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އޭނާ ވަނީ ރައީސް އޮފީހުގެ ތެރެއިން މުއައްސަސާތަކުގެ ވެރިންނަށް ކަންކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ކިޔައިދެމުން އަންނަ ކަމަށެވެ.

"އަޅުގަނޑު މިވާހަކަ ދެއްކީމާ ޔަގީން މާދަމާ ފުލުސް އޮފީހަށް ހާޒިރުވެސް ކޮށްފާނެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ އޭނާ ޖަލަށް ނުލާ އެއްވެސް ވެރިއަކަށް ފަރަގު ނުޖެއްސޭނެ ކަމަށެވެ. ދާދިފަހުން އެމްޑީޕީ އަށް އިސްދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަލީ ހަމީދާއި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އަދިވެސް ޖޭޕީ އަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ އެމްޑީޕީއާ ގުޅިފައެވެ.

"ލަދެއް ހަޔާތެއް ހުންނަން ޖެހޭނެ ދޯ ސަމީރެއް ކަމަކު އަދި އެހެން މީހެއް ކަމަކު. އެ ހިސާބަށް ދިޔައީމާ ދަންނަވާލަން ބޭނުންވަނީ ބޭފުޅުންނޭ މިއަދެއް އެކަންޏެއް ނޫނޭ. މާދަމާ ވެސް އެބަ އޮތޭ," ގާސިމް ވިދާޅުވިއެވެ.

ގާސިމް ސަރުކާރަށް ފާޑު ވިދާޅުވިއިރު އަދިވެސް މި ސަރުކާރުގެ މަގާމުތަކުގައި ޖޭޕީގެ ބޭފުޅުން އެބަ ތިއްބެވިއެވެ. އޭގެތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހިމެނެއެވެ.