ރިޔާސީ އިންތިހާބުގެ ގާނޫނަށް ބަދަލު ގެނެސްފައި އޮތް ނަމަވެސް ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިމަހުގެ 19ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ދެ ހަފްތާގެ މުއްދަތެއް ދިނުމަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާޙު ވަނީ ފާސްކޮށްފައެވެ. އަދި މިހާރު އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ކުރައްވައިފައެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު 14 ދުވަހަށް (ދެ ހަފްތާ) އިތުރު ކުރުމަށް ފާސްކޮށްފައިވާއިރު ރިޔާސީ އިންތިހާބުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް ދެވޭނީ 10 ދުވަހެވެ.

https://twitter.com/IsmailHabeeb/status/1672415332177420288?s=20

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބަށް އަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން، އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް، އީސީ އިން ބަލައިގަންނާނީ، އަންނަ މަހުގެ 23 ވާ އާދީއްތަ ދުވަހުން ފެށިގެން، އަންނަ އޮގަސްޓު މަހުގެ ހަތެއްވާ ހޯމަދުވަހު ގެ ނިޔަލަށް ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ގާނޫނަށް، (އެޕްލިކޭޝަން ބަލައިގަތުުގެ މުއްދަތަށް) ގެނައި ބަދަލުގެ ސަބަބުން، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީހަށް ބަދަލެއް ނާންނާނެ. ރިޔާސީ އިންތިހާބުގެ މުހިންމު ތާރީހުތައް ކޮމިޝަނުން ކަނޑައަޅާފައި ވަނީ، ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން. ގުރުއަތުލުން އޮންނާނީ، ކެމްޕޭން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް،" އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް އިލެކްޝަނުން ކަނޑައަޅާފައިވާ ކަލެންޑަރުގައި ވަނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން އޮންނާނީ އޮގަސްޓު މަހުގެ 9ވަނަ ދުވަހު ކަމަށެވެ.