ލާމަރުކަޒީ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، މި ސަރުކާރުން ވަނީ ކައުންސިލްތައް ބާރުވެރިކޮށްފައެވެ. އެ ބާރުތައް ކައުންސިލްތަކަށް ދިނީ ރަށް ރަށުގެކަންކަން އެންމެ ރަނގަޅަށް އެނގޭ ބަޔަކީ ކައުންސިލްތަކަށްވާތީއެވެ. ކައުންސިލްތަކާއި ހަވާލުކޮށްފައިވާ ޒިންމާ ކިތަންމެހާވެސް ބޮޑެވެ. އެކަމަކު އެ ޒިންމާ ނުވަތަ ލިބިފައިވާ ބާރު ނަހަމަގޮތުގައި ބޭނުން ކުރުމަކީ އެއަށްވުރެ އިތުބާރު ގެއްލޭ ކަމެކެވެ. ދޭތެރެ ދޭތެރެ އިން ކައުންސިލްތަކުން ހޯދާ ނާޒާއިޒު މަންފާއާއި ހިޔާނާތުގެ ވާހަކަތައް ތިލަވެއެވެ. ރިހާކުރު ފުޅި ވަގަށް ނަގާ މީހާ އަށް ދެ އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް ބޮޑެތި މީހުންނަށް އެ ގާނޫނެއް ނުހިނގާނެ ބުނާ ފަދައިން ކައުންސިލްތަކަށްވެސް ގާނޫނުގެ އަތް އެހާ ވަރަކަށް ނުފޯރައެވެ. އޭގެ އެއް މިސާލަކީ ދުވާފަރު ކައުންސިލެވެ.

ރ. ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލާގައި ދައުވާނުކޮށް ނަސޭހަތް ދޭން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ނިންމަން ޖެހުނީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރަކީ ސަރުކާރުގެ އިސް ބޭފުޅެއްގެ ބައްޕައަށް ވާތީވެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.

ހިޔާނަތުގެ މައްސަލާގައި ދުވާފަރު ކައުންސިލްގެ 8 މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މިދިޔަ މާޗް މަހު ޕީޖީ އަށް ފޮނުވައިފައެވެ.

[caption id="attachment_53757" align="alignnone" width="960"] ދުވާފަރު ކައުންސިލުން ޕީޖީ ޝަމީމާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން— ފޮޓޯ/ ދުވާފަރު ކައުންސިލް[/caption]

އޭސީސީ އިން ދައުވާ ކުރުމަށް އެދި ފޮނުވާފައިވާ 8 މީހުންގެ ތެރޭގައި އެ ކައުންސިލް ރައީސް ހަސަން ހަކީމާއި ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހުމަދު ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ކައުންސިލްގެ ކުރީގެ މެންބަރު އަހްމަދު ސަމޫހު އަދި ކައުންސިލް މެންބަރު މުހައްމަދު ޝާމުގެ އިތުރުން ކައުންސިލް މެންބަރު ޒުހުދާ އާދަމް އަދި އާމިނަތު ސަލާހުގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް އެދިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީ އިން ބުނީ ދައުވާ ކޮށްދިނުމަށް އެދުނު އިތުރު މީހުންގެ ތެރޭގައި އެކައުންސިލްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު ނާސިހު އަދި ދުވާފަރު ކައުންސިލް އިދާރާގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލީފުޅު ހިމެނޭ ކަމަށެވެ.
ދައުވާކޮށްދިނުމަށް އެދި ފޮނުވި މައްސަލާގައި މިހާރު ވިސްނަމުން ދަނީ އިއުތިރާފުގެ އެއްބަސްވުން ނުވަތަ ނަސޭހަތް ދިނުމަށް ވިސްނަމުންދާ ކަމަށް ދާދީ ފަހުން ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.
އެކަމާއި ގުޅޭ ގޮތުން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލާގައި ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދިނުމަށް ޕީޖީ އޮފީހުން ނިންމަންޖެހުނީ، މައްސަލާގައި ތުހުމަތުކުރެވޭ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު ރ.ކަނދޮޅުދޫ، ރިހިތަޅާގެ މުހައްމަދު އަލިފުޅު އަކީ ކޮމިޝަނާ އޮފް ޕްރިޒަންސް، އަހުމަދު މުހައްމަދުފުޅުގެ ބައްޕަ ކަމަށްވުމުން ކަމަށް މައުލުމާތު ލިބިފައިވާ ކަމަށެވެ.

އަދި ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދޭން ނިންމުމާއި ގުޅިގެން އެކަމާ ގުޅުން ހުރި ގާނޫނީ ބައެއް މާއްދާތަށް ހައިލަމް ވަނީ ތަފްސީލުކޮށްދެއްވާފައެވެ.

ޕީޖީގެ އޭނާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި ހަމަހަމަކަމާއި ހާމަކަމާއެކު ނުފޫޒުން އެއްކިބާވެހުރެ ކަމަށް ގާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީނަމަވެސް، އެ މައްސަލައާއި، ސިޔާސީ ފަރާތްތަކާ ގުޅުންހުންނަ އެހެން މައްސަލަތަކުގައި ވެސް ޕީޖީގެ ނިންމުންތައް މި ދެންނެވުނު އަސާސްތަކާ ހިލާފުވެފައިވާ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުމުން، ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ޕީޖީ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ގޮތް ބައްލަވައިދެއްވައި، ދިވެހި ރައްޔިތުންނާމެދު ޕީޖީ އަމަލުކުރައްވަމުން ގެންދަވަނީ ހަމަހަމަކަމާއެކުގައިކަން ކަށަވަރުކޮށްދެއްވުމަށް ހައިލަމް އެދިވަޑައިގެންނެވިއެވެ.
މައްސަލައިގެ ހުލާސާ:
މިދިޔަ އަހަރުގެ ޖުލައި މަހު އެލްޖީއޭއިން އާންމުކުރި އިންޑެކްސް ރިޕޯޓުން ފެންމަތިވި ހިޔާނާތުގެ އެ މައްސަލައާ ގުޅިގެން އެރަށު ކައުންސިލް މެންބަރުން ސަސްޕެންޑު ކުރުމުން ކައުންސިލް ވަގުތީ ގޮތުން ހިންގުމާއި ހަވާލު ކޮށްފައި ވަނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއާއެވެ.

އެލްޖީއޭ އިން ދުވާފަރު ކައުންސިލް ސަސްޕެންޑު ކުރީ އެ އޮތޯރިޓީ އިން އިއްޔެ ބޭއްވި ޖަލްސާއެއްގައެވެ.

ދުވާފަރު ކައުންސިލްގެ މެންބަރުން ވަނީ ގާނޫނުތަކާއި ހިލާފަށް އެ ކައުންސިލްގެ މެންބަރުންގެ އަމިއްލަ ބޭންކު އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކޮށްފައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ދުވާފަރު ކައުންސިލަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް ވެސް އެރަށަށް ގޮސްފައިވެއެވެ.

އަދި އެ ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ނިންމާ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް އޭސީސީން ވަނީ މައްސަލަ ފޮނުވައިފައެވެ. ނަމަވެސް އަދި އެކަމުގެ ތަފްސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

ދުވާފަރު ކައުންސިލުގެ އިންކުއަރީ ރިޕޯޓުގައި ކައުންސިލްގެ ގިނަ އަދަދެއްގެ ފައިސާ ކައުންސިލް މެންބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ޖަމާ ކޮށްފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިގޮތުން ބީލަމަކަށް ނުލާ މުދަލާއި ހިދުމަތް ހޯދާފައިވާއިރު މިސްކިތުގައި އޭސީ ހަރު ކުރުމަށް ކުރި މަސައްކަތުގެ ފައިސާ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އެކައުންޓަށް ޖަމާ ކޮށްފައިވެއެވެ.

އެއީ 35،000 ރުފިޔާއެވެ. ކުޅިވަރު ތަކެތި ގަތުމަށް ކައުންސިލް މެންބަރު މުހައްމަދު ޝާމްގެ އެކައުންޓަށް 38،720 ރުފިޔާ ޖަމާ ކޮށްފައިވާއިރު ހިނަވާގެ މަރާމާތު ކުރުމަށް ކައުންސިލް މެންބަރު އާމިނަތު ސަލާހުގެ އަމިއްލަ އެކައުންޓަށް 35،000 ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

މީގެއިތުރުން ވެސް ކައުންސިލް މެންބަރުންނާއި އެސިސްޓެންޓް ޑިރެކްޓަރުގެ އެކައުންޓަށް ލައްކައިން ކައުންސިލްގެ ފައިސާ ޖަމާ ކޮށްފައި އެބަހުއްޓެވެ.