ނުރައްކާތެރި ކުށްވެރިން ބެލެހެއްޓުމަށް އެމީހުންގެ ފައިގާ އަލުން ޓެގު ހަރު ކުރަން ފަށައިފިއެވެ.

އެކަމާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނާއީ އަދުލުގެ ބޭނުމަށްޓަކައި މީހުން މޮނިޓާކޮށް ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ފުލުހުންގެ ކިބާގައި ގާއިމުކޮށް، ކޯޓު އަމުރެއްގެ ދަށުން އެންކަލް ބްރެސްލެޓް (ޓެގު) ބޭނުންކުރަން މިއަދު ފަށާފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މީގެކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމަލެއްނުވާނެ ކަމަށެވެ.

"ޒަމާނީ ވަސީލަތްތަކާއެކު މިނިޒާމު މިއަދު ބޭނުން ކުރެވެނީ މައިގަނޑު ގޮތެއްގައި ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންކަމަށް ވިޔަސް، ސަރުކާރުގެ އަމާޒަކީ އަދުލުގެ ނިޒާމުގައި ‘މޮނިކޮން’ ބޭނުންކުރެވޭނެ އިތުރު އިޖުރާއާތްތައް ތައާރަފުކޮށް، ޖަލުގައި މީހުން ބަންދުކުރެވޭ މިންވަރު މަދުކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

ކުށްވެރިންގެ ފައިގާ އަލުން ޓެގު ހަރުކުރަން ފެށިއިރު ޓެގު ހުސްވެފައި ހުންނަތާ އެތައް ދުވަހެއް ފަހުން މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި 100 ޓެގު ވަނީ ރާއްޖެ ގެނެސްފައެވެ.

https://twitter.com/ShimranAb/status/1672288750024675329?s=20

މޮނިކޮން އަމުރެއްގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. މޮނިކޮން އަމުރެއް ނެރުމަށްފަހު އެ އަމުރެއްގެ މައްޗަށް އަމަލުކުރަން ފެށިއްޖެ ކަމަށް ބަލާނީ އެ އަމުރެއްގައި އެ އަމުރެއް ހިންގަން ފަށާނެ ކަމަށް ކަނޑައަޅާފައިވާ ތާރީހުގައެވެ. މޮނިކޮން އަމުރެއް ނިމިއްޖެކަމަށް ބަލާނީ އެ އަމުރެއްގައި އެ އަމުރެއް ނިމޭނެކަމަށް ކަނޑައަޅާފައިވާ ތާރީހުގައެވެ.

މޮނިކޮން އަމުރެއްގެ މުއްދަތު އިތުރު ކުރަންޖެހޭކަމަށް މިނިސްޓަރަށް ގަބޫލު ކުރެވިއްޖެނަމަ، އިތުރު އެއް އަހަރަށް އެ އަމުރެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.