ހދ. މަކުނުދޫގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކަޓިވް އޮފިސަރު ޝާފިން އަހުމަދެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.
ތިންސަތޭކަ ފަސްދޮޅަސް ހަ ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ އެ މަސައްކަތުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 3493 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
[caption id="attachment_53562" align="alignnone" width="1600"] މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ބިގް ފިޝްއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---[/caption]
އެ މަސައްކަތް ބިގް ފިޝް އަށް ހަވާލު ކޮށްފައި ވަނީ 16 މިލިއަން ރުފިޔާއަށެވެ.
މަކުނުދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރިއިރު އެރަށަކީ ސީޕްލޭންގެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ދެ ރަށުގެ ތެރެއިން އެއް ރަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ސީޕްލޭން ހިދުމަތް އެންމެ ބޮޑަށް ބޭނުންވަނީ މ. މުއްޔާއި ހދ. މަކުނުދޫ ކަމަށެވެ. އެ ދެ ރަށަށް ސީޕްލޭންގެ ހިދުމަތް ބޭނުންވާ ޕްލެޓްފޯމް އަޅާނެ ތަންތަން މިހާރު ނިންމާފައިވާ ކަމަށެވެ.
އެ ދެރަށަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމީ ކޮންމެ ރަށަކުން ވެސް 30 މިނެޓުން ދަތުރުކުރެވޭ ހިސާބެއްގައި އެއާޕޯޓެއް ބޭއްވުން ނުވަތަ ވައިގެ ދަތުރަކަށް ފެށޭނެ އިންތިޒާމު ހަމަޖައްސަން މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުންނެވެ.