މަޖިލީހުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕު ލީޑަރު އަހުމަދު އަސްލަމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން އެދިވަޑައިގެންފިއެވެ.

އޭނާގެ ސިޓީއާ އެކު އެމްޑީޕީގެ 29 މެމްބަރަކު ވަނީ ޖަލްސާ ބާއްވައި ދިނުމަށް ސޮއި ކުރައްވާފައެވެ.

ވެރިކަން ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ވަނީ މަޖިލީހުގެ މަސައްކަތްތައް ނުނިންމާ، މަޖިލިސް ޗުއްޓީ އަށް ނުދިއުމަށް ތަކުރާރުކޮށް އެދިފައެވެ.

https://twitter.com/mashafeeg/status/1671818513005318145?s=46&t=xapWNGbbfBd0uN9xb5fzNA

ނަމަވެސް މިއަދުގެ ބަހުސް ކުރުމަށް ކަނޑައެޅި ވަގުތު ހަމަވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލި ކަމަށް ވިދާޅުވެ، މަޖިލިސް ޗުއްޓީ އަށް ދިޔަކަން އިއުލާނު ކުރައްވައިފައެވެ.

އަސްލަމް، މަޖިލީހުގެ ރައީސަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލާފައިވަނީ މަޖިލީހަށް މުހިންމު މައްސަލަތައް ހުށަހެޅި ގޮތެއްނުނިމިވާ ވަގުތެއްގައި ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106
ވަނަ މާއްދާގައި ލާޒިމް ކުރާ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގައި ގޮތެއް ނުނިންމާ ހާލަތުގައި ކަމަށެވެ.

އެހެންކަމުން، މަޖިލީހުގެ ގަވާއިދުގެ 45ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ދައުރުން ބޭރުގެ ޖަލްސާތައް ބާއްވައިދިނުމަށް އަސްލަމް ވަނީ އެދިފައެވެ. އޭނާ ހުށަހެޅުއްވީ ތިން މަސަައްކަތްތަކެއް ނިމެންދެން މެދުނުކެނޑި ޖަލްސާތައް ކުރިއަށް ގެންގޮސް ދިނުމަށެވެ.

ޖަލްސާ ބާއްވަން އެދޭ ސަބަބު:

މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލަ އަދި އިތުރު ޖަލްސާތައް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ މައްސަލަ އަދި އިތުރު ޖަލްސާތަކެއް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް
މަޖިލީހުގެ ރައީސާ ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އާއި ގުޅިގެން އިތުރު ޖަލްސާތަކެއް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް ގޮސްފައި އޮއްވާ މިއަދަށް އެޖެންޑާކުރި މި ދައުރުގެ އެންމެ ފަހު ޖަލްސާގައި އޮތީ ދާއިމީ ކޮމެޓީތަކަށް އަލުން މެމްބަރުން ކަނޑައެޅުމާ މެދު ބަހުސް ކުރުމެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވާތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ވޭތުވެދިޔަ ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާފައި ނުވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދުގެ ޖަލްސާގެ ރިޔާސަތާއި ހަވާލުވެވަޑައިގެންފައެވެ.