ރައްޔިތުން މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި އަދި މިނިވަން މުއައްސަސާތަކުގެ ތެރެއިން ބައެއް މުއައްސަސާތަކުގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ މައްސަލަތައް ނިންމުމަށް މަޖިލީހުގެ ދައުރު ދަންމާލުމަށް ހުށަހަޅާފައި އޮތް ނަމަވެސް، މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށް ފަހު މަޖިލިސް ޗުއްޓީ އަށް ހިނގައްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ވަނީ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފައެވެ. މީގެއިތުރުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ މަޖިލީހުގައި އޮތީ މަޑު ޖެހިފައެވެ.
ވެރިކަން ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ އެ މަސައްކަތްތައް ނުނިންމާ، މަޖިލިސް ޗުއްޓީ އަށް ނުދިއުމަށް ތަކުރާރުކޮށް އެދިފައެވެ. ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު މަޖިލީހުގެ ޖަލްސާއެއް ވަނީ ބާއްވައިފައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް ގޮސްފައި އޮއްވާ މިއަދަށް އެޖެންޑާކުރި މި ދައުރުގެ އެންމެ ފަހު ޖަލްސާގައި އޮތީ ދާއިމީ ކޮމެޓީތަކަށް އަލުން މެމްބަރުން ކަނޑައެޅުމާ މެދު ބަހުސް ކުރުމެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވާތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ވޭތުވެދިޔަ ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާފައި ނުވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދުގެ ޖަލްސާގެ ރިޔާސަތާއި ހަވާލުވެވަޑައިގެންފައެވެ.
ނަމަވެސް މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތް ކޮމެޓީތަކުގެ މައްސަލަ އަށް ގޮތެއް ނިންމާ ވޯޓަށް އެހުން އޮތީ އެހެން ޖަލްސާއެއްގައި ކަމަށް ނަޝީދު އިއުލާނު ކުރެއްވިއެވެ. އެކަމަކު މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މިއަދުގެ ޖަލްސާ އަކީ އެންމެ ފަހު ޖަލްސާ ކަމަށްވާއިރު އަންނަ މަހުގެ 16ވަނަ ދުވަހު ފަށާ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތަކާއި ހަމައަށް ކޮމެޓީތަކުގެ މައްސަލަ ލަސް ކުރެވިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލަ އަށް ބަހުސް ކުރުމަށް ކަނޑައެޅި ވަގުތު ހަމަވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލި ކަމަށް ވިދާޅުވެ، މަޖިލިސް ޗުއްޓީ އަށް ދިޔަކަން އިއުލާނު ކުރައްވައިފައެވެ.