އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާ އެކު، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެވަޑައިގެންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަލުން ރިޔާސަތު ބަލަހައްޓަވަން ފައްޓަވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތާ ހަވާލުވެ، ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމަކީ ގިނަ ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި މަޖިލީހުގެ ރިޔާސަތު މީގެ ކުރިން ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ރައީސް ސާލިހު ބައްދަލު ކުރެއްވި ކަމަށާއި އެ ބައްދަލުކުރެއްވުމުން ވެސް ކުރިއެރުމެއް ނުލިބުނ ކަމަށެވެ.

"އަޅުގަނަޑު މިއަދު މިތަނުގައި މި އިނީ އަޅުގަނޑުގެ އުޒުރުތަކަށް ވުރެ، އަދި މާ މަތީ މަސްލަހަތެއް އަޅުގަނޑު އެބަ ހިފަހައްޓަންޖެހޭ. އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު،" ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ހިތާމަ ކުރަން ދައުލަތުގެ އެހެން ބާރުތަކުން އަދި ހާއްސަ ގޮތެއްގައި މިތަނުގެ މެޖޯރިޓީ ޕާޓީ، މި މައްސަލަ ހައްލުކޮށްދިނުމުގައި އެއް ގޮތަކަށް ވެސް އެހީތެރުވުމުގައި އެހީތެރިވެފައި ނުވާކަން. އެހެންނަމަވެސް އަޅުގަނޑު ދުށީ މިއީ އަޅުގަނޑުގެ ވާޖިބެއް ކަމަށް.،" ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ އެޖެންޑާގައި އޮތީ ކޮމެޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުން ތަމްސީލު ކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސްކުރުމެވެ.

ދެ ގަޑިއިރަށް ދެމިގެންދާ އެ ބަހުސަށްފަހު ކޮމެޓީތަކުގެ މެންބަރުންގެ އަދަދު ގޮތް ނިންމުމަށް ވޯޓަށް އެހުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރެވޭ ގޮތަށް އެޖެންޑާގައި ވަނީ ހިމަނާފައެވެ. އެޖެންޑާގައި ބުނެފައި ވަނީ ކޮމެޓީތަކުގައި މެމްބަރުން ތަމްސީލުކުރައްވާނެ ގޮތާމެދު ނިންމާނީ ދެން އޮންނަ ޖަލްސާއެއްގައި ކަމަށެވެ.

ނަމަވެސް މިއަދުގެ ޖަލްސާއަކީ މި އަހަރުގެ ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާއެވެ. މިއަދަށްފަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ވަނީ ނިންމާފައެވެ.