ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ އެންމެ އައިޓަމާ އެކު މާދަމާ ބާއްވަން އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް ގޮސްފައި އޮއްވާ މާދަމާ އެޖެންޑާކުރި މި ދައުރުގެ އެންމެ ފަހު ޖަލްސާގައި އޮތީ ދާއިމީ ކޮމެޓީތަކަށް އަލުން މެމްބަރުން ކަނޑައެޅުމާ މެދު ބަހުސް ކުރުމެވެ.
ދާއިމީ ކޮމެޓީތަކަށް އަލުން މެމްބަރުން ކަނޑައެޅުމާ މެދު ގޮތެއް ނިންމުން އޮންނާނީ ޗުއްޓީއަށްފަހު ދެން ފެށޭ މަޖިލީހުގައި ކަމަށް އެޖެންޑާގައިވެ އެވެ. ވީމާ އަންނަ އޮގަސްޓް މަހުގެ ކުރިން އެކަމަށް ގޮތެއް ނުނިންމޭނެ އެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލާގެ ނޯޓިސްގެ މުއްދަތު ހަމަވެފައިވާއިރު އެ މައްސަލަ އެޖެންޑާ ނުކޮށް މަޖިލީހުން ހުއްޖަތަކަށް ހަދަނީ ދާއިމީ ކޮމެޓީތަކުގެ ތެރެއިން އާންމު ކޮމެޓީއަށް މެމްބަރުން އަލުން އައްޔަން ނުކުރެވޭތީ އެވެ. އެ ކޮމެޓީއަކީ އިތުބާރު ނެތްކަމުގެ މައްސަލަތަކުގެ ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅާ ކޮމެޓީ އެވެ.
އެ ކޮމެޓީގައި ކޯރަމް ހަމަވާ ވަރަށް މެމްބަރުން އެބަތިއްބެވެ. އަދި މަޖިލިސް ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އޮތުމުން ކަމަށް ވިދާޅުވެ, ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހައްދަވައިފަ އެވެ. މަޖިލިސް ގަވާއިދު އޮންނަ ގޮތުން ރައީސާއި ނައިބު ރައީސް ނޫން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގަ އެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ މަޖިލިސް ޗުއްޓީއަށް ނުދާން އެމްޑީޕީން މަސައްކަތް ކުރި ނަމަވެސް އެކަން ވޯޓަށް އެހޭ ގޮތެއް ނުވި އެވެ.