އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އެޕާޓީން ވަކިވެވަޑައިގެން ކަމުގެ ސިޓީ ލިޔުއްވި ގަލަށް ދެއްވީ ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ހަސަން ލަތީފަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ވަނީ އެމަނިކުފާނު އެމްޑީޕީން ވަކިވިކަމުގެ ސިޓީ ސޯޝަލް މީޑިއާގައި އާއްމު ކުރައްވައިފައެވެ.
އެ ޓްވީޓުގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން މިވަގުތު ހިނގަމުންދާ ގޮތަށް ބަލާ އެމަނިކުފާނު އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސް ކުރުމުގައި ލަސް ކުރަމުން އަންނަ މައްސަލައާ ގުޅޭ ގޮތުން އެ ޕާޓީގެ މުއައްސިސް ހަސަން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ނަޝީދު އެމްޑީޕީން ވަކިވި ކަމުގެ ލިޔުން ލިޔުއްވި ސިޓީގައި ބޭނުންކުރެއްވި ގަލަށް އޭނާ އަށް ދެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ ނަޝީދަކީ ވަރަށް ގާތް ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކު ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގަތުމަށް މަރުހަބާ ދަންނަވާކަށް ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ.
އެމްޑީޕީން ނަޝީދު ވަކިވި ސަބަބާއި ގުޅޭ ގޮތުން ހަސަން ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ސަރުކާރުން ހުރަސް އެޅުމަކީ ނަޝީދުގެ އިސްތިއުފާ ސިޓީގައި ބަޔާން ކޮށްފައިވާ އެއްކަން ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.
ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކާއި އަދި އެމްޑީޕީން ޒަމާނުއްސުރެ ގަބޫލު ކުރަމުން ދިޔަ އުސޫލުތަކާއި އެކަހެރިކޮށް އެޕާޓީން މިއަދު މަސައްކަތް ކުރުމަކީ ނަޝީދު އެޕާޓީން ވަކިވެވަޑައިގަތުމަށް ނިންމި ސަބަބެއް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
“އެހެން ވިސްނުމެއްގެ ބަޔަކު އެޕާޓީގެ ތެރޭގައި އެއީ އެމްޑީޕީގެ ނަމުގައި ހިންގާ ކަންކަން ކަމުގައިވާއިރު ހަގީގަތުގައި އެމްޑީޕީ އުފައްދައިގެން އެ ބޭނުންވި މަގުސަދުތައް ހާސިލް ކުރުމަށް ބޭނުންވާ ބަޔަކު އޭގައި [އެމްޑީޕީ] ތިބެއްޖިއްޔާ އެވާނީ ދަތި ކަމަކަށް ވާނީ އެމްޑީޕީގައި ތިބުމަށް،” ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ ހަސަން ވިދާޅުވިއެވެ.
މިއަދު އެމްޑީޕީ އަށް ވައްކަމާއި ކޮރަޕްޝަނާއި އިންސާނީ ވަގުފާރީ ފަދަ ބޮޑެތި ކުށްތައް “އޯކޭ” ވެއްޖެ ކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ފާހަގަކުރެއްވި ގޮތުގައި އެއީ އެމްޑީޕީން ދުށް ގޮތްތަކެއް ނޫނެވެ.
އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެޕާޓީ އެހެން ދިމާލަކަށް ގެންދާ ކަމަށް ހަސަން ވިދާޅުވިއެވެ. ރައީސް ނަޝީދުގެ އަރިސް މެންބަރެއްގެ ހައިސިއްޔަތުން އޭނާ ވިދާޅުވީ ޕާޓީ އުފެއްދި މަގުސަދާއި ހިލާފަށް ޕާޓީގެ މިސްރާބު ދިއުމަކީ ނަޝީދުގެ ޒަމީރު ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.