އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް އަށް ހައްދަވަނީ ދޮގުކަމަށާއި އޭނާ އަށް އިތުބާރު ނުކުރެވޭ ކަމަށް ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު ވިދާޅުވެއްޖެއެވެ.
ނަޝާތު އެހެން ވިދާޅުވީ މިއަދުގެ ބާއްވަން ހަމަޖެހިފައި އޮތް އޭނާގެ އިތުރުން މުހައްމަދު އާސިފް ހާޒިރުވެވަޑައިނުގަތުމުން ގުޅުވައި ފުއާދު ދެއްކެވި ވާހަކަ އާއި ގުޅިގެންނެވެ.
ދެ މެންބަރަކު އެ ޖަލްސާ އަށް ވަޑައިނުގަތުމުން ޖަލްސާ ބޭއްވޭ ގޮތް ނުވީ ކަމަށާއި އެކަން އެބޭފުޅުން ކުރެއްވީ ގަސްތުގައި ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.
ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބާއި އެ ކޮމިޝަނުގެ އެހެން މަސައްކަތްތަކާއި ގުޅުންހުރި މައްސަލަތަކުގެ އިތުރުން ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމުގެ މައްސަލަ ވެސް މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވާނެ ކަމަށެވެ.
މިމަހުގެ 18ވަނަ ދުވަހު ވެސް ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ފާހެއް ނުވިއެވެ. އެ މައްސަލަ އެޖެންޑާކޮށް އެ ދުވަހުގެ ރޭ އީސީ އިން ކުއްލި ޖަލްސާއެއް ބޭއްވިއެވެ. ނަމަވެސް ދެ މެންބަރަކު ފިޔަވައި އެހެން ބޭފުޅުން ވޯޓު ދެއްވީ ޕާޓީ އުފެއްދުމުގެ ހުއްދަ އަދި ނުދިނުމަށެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން ތިން މަސް ދުވަހަށް މަޑުޖައްސާލަން ވޯޓު ދެއްވީ ކޮމިޝަނަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވީ ރަޖިސްޓްރީކުރަން ހުއްދަ ދޭން ފެންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު އެ ބޭފުޅާއަކީ ދޮގުހަދާ ފަރާތެއްކަން ފަޅާއަރައި ކޮމިޝަންގެ ގާނޫނާ ގަވާއިދެއް ނޭގެ މީހެއްކަން އެނގިތިބެ އެ ބޭފުޅާއަށް އެ ފުރުސަތުދީގެން ނުތިބޭނަން. އަޅުގަނޑުމެންނަކަށް ނެތް އަޅުގަނޑުމެން ނިންމާނިންމުންތައް ފާސްވާނެ ކަމުގެ ގެރެންޓީއެއް" ޖަލްސާ އަށް ހާޒިރުނުވުމާއި ގުޅުވައި ފުއާދުކުރި ތުހުމަތުތަކަށް ޖަވާބު ދެއްވަމުން ނަޝާތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭޕްރިލް މަހު މެޖޯރިޓީ ނެތް ކަމަށް ބުނެ ދެ ހަފްތާ ވަންދެން ކޮމިޝަންގެ ޖަލްސާ ބާއްވާފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން މީޑިއާ އަށް ނުދާތި ކޮމިޝަން ޑެޑްލޮކޭ ނުކިޔަނީ"
ނަޝާތު ވިދާޅުވި ގޮތުގައި ފުއާދުގ ގާނޫނަށް ހިލާފަށް އަމަލުކުރައްވާ ކަމުގެ މައްސަލަ މިހާރު ވާނީ މަޖިލީހަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ އަށް ހައްލެއް ނުލިބޭ ހިނދަކު ކޮމިޝަންގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.
"ބޭރަށް ނިކުމެ އަޅުގަނޑުމެންނޭ ކިޔައިގެން ހެއްދެވިޔާ ދޮގު ހަދައިގެން ރުޅިއަރުވައިގެން ކުރި މަސައްކަތް ބަލައެއް ނުގަންނަން" ނަޝާތު ވިދާޅުވިއެވެ.