އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މިއަދުގެ ބާއްވަން ހަމަޖެހިފައި އޮތް ޖަލްސާ އަށް އެ ކޮމިޝަނުގެ ދެ މެންބަރަކު ހާޒިރުވެވަޑައިނުގަތުމުން މިއަދުގެ ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.
އެކަމާއި ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގު "ހަތާވީސް" އަށް މިއަދު ވިދާޅުވީ ކޮމިޝަނުގެ މިއަދުގެ ޖަލްސާ އަކީ ކޮންމެ ހަފްތާއަކު ވެސް އޮންނަ އެ ކޮމިޝަނުގެ ރަސްމީ ޖަލްސާ ކަމަށެވެ. އެހެންނަމަވެސް ދެ މެންބަރަކު އެ ޖަލްސާ އަށް ވަޑައިނުގަތުމުން ޖަލްސާ ބޭއްވޭ ގޮތް ނުވީ ކަމަށާއި އެކަން އެބޭފުޅުން ކުރެއްވީ ގަސްތުގައި ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.
ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބާއި އެ ކޮމިޝަނުގެ އެހެން މަސައްކަތްތަކާއި ގުޅުންހުރި މައްސަލަތަކުގެ އިތުރުން ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމުގެ މައްސަލަ ވެސް މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވާނެ ކަމަށެވެ.
[caption id="attachment_32596" align="alignnone" width="920"] އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު: ފޮޓޯ / ސަން[/caption]
"އެ ދެ މެމްބަރުން ހާޒިރުނުވީ ގަސްތުގައި ކަމަށް ބެލުމުގެ ޖާގަ އެބައޮތް. ބަލިވެ އުޅޭ ކަމަކަށް ނުވަތަ ޖަލްސާ އަށް ހާޒިރު ނުވެވޭނެ ކަމަށް ރަނގަޅު ސަބަބެއް ހާމަ ކުރައްވާފައެއް ނެތް. މިއަދުގެ ޖަލްސާގައި އޮންނާނެ ޑިމޮކްރެޓުން ރަޖިސްޓްރީ ކުރުމުގެ މައްސަލަ ވެސް. އެހެން ބައެއް މައްސަލަތައް ވެސް،" ފުއާދު ވިދާޅުވިއެވެ.
އެ ދެބޭފުޅުން ހާޒިރު ނުވީ ދަ ޑިމޮކްރެޓްސްގެ މައްސަލަ އެޖެންޑާގައި އޮތުމުންތޯ ސުވާލު ކުރުމުން ފުއާދު ވިދާޅުވީ އެހެން ދަންނަވަން ނޭނގޭ ކަމަށެވެ. އެ ދެ މެންބަރުންނަކީ ކޮން ދެ މެންބަރުންނެއްތޯ ސުވާލު ކުރުމުން އެ ދެ މެންބަރުންގެ ނަން ހާމަ ކުރުމަށް ފުއާދު އުޒުރުވެރިވެވަޑައިގެންނެވިއެވެ.
ނަމަވެސް "ހަތާވީސް" އަށް އެނގިފައިވާ ގޮތުގައި އެ ދެ މެންބަރުންނަކީ މުހައްމަދު އާސިފް އަދި އަލީ ނަޝާތުއެވެ. ދެން ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުންނެވީ ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް މައްކާގައެވެ. ނަޝާތު އާއި އާސިފް އަދި ފުއާދުގެ އިތުރުން ހަބީބު ހުންނެވީ ރާއްޖޭގައެވެ.
މިމަހުގެ 18ވަނަ ދުވަހު ވެސް ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ފާހެއް ނުވިއެވެ. އެ މައްސަލަ އެޖެންޑާކޮށް އެ ދުވަހުގެ ރޭ އީސީ އިން ކުއްލި ޖަލްސާއެއް ބޭއްވިއެވެ. ނަމަވެސް ދެ މެންބަރަކު ފިޔަވައި އެހެން ބޭފުޅުން ވޯޓު ދެއްވީ ޕާޓީ އުފެއްދުމުގެ ހުއްދަ އަދި ނުދިނުމަށެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން ތިން މަސް ދުވަހަށް މަޑުޖައްސާލަން ވޯޓު ދެއްވީ ކޮމިޝަނަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވީ ރަޖިސްޓްރީކުރަން ހުއްދަ ދޭން ފެންނަ ކަމަށެވެ.