ދިވެހި ރައްޔިތުން މިއަދު ތަޖުރިބާ ކުރަމުން ދަނީ ހިކުމަތްތެރި ވެރިކަމަކުން ގެނުވި ހަމަޖެހުމެއްގެ އުފާ ކަމަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސިފައިން 131ވަނަ އަހަރީ ދުވަހާއި ގުޅިގެން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މިއީ، ގައުމީ މަސްރަޙުގެ އެތެރެއާއި ބޭރުގެ ހާލަތަށް ބަލައި ގައުމީ ސަލާމަތުގެ ހުރިހާ އުންސުރަކަށް ފުންކޮށް ވިސްނަވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަންފީޒު ކުރައްވަމުން ގެންދަވާ ހަރުދަނާ ސިޔާސަތު ތަކުގެ ނަތީޖާ ކަމަށެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި ބާރުގަދަ ގައުމުތަކުގެ ވާދަވެރިކަން އިންޑިއާ ކަނޑުގައި އިތުރުވަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ސަރަހައްދުގެ އިސްތިރާޖީ މާހައުލުގެ ހަލަބޮލިކަން އިތުރުވެ، ރާއްޖެ އަށް އެކަމުގެ އަސަރު ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން ކަނޑުމަގުން ހިންގާ ޑްރަގާއި އިންސާނީ ވަގުފާރިއާއި، ބޭރުގެ ބޯޓުފަހަރު ދިވެހި މަސްކަނޑުތަކުން ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރުން ފަދަ އަމަލުތައް ހުއްޓުވާ، ދިވެހިރާއްޖޭގެ އިގްތިސޯދީ ސަރަހައްދާއި ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ހިންގާ ނުކިއްސަރު އަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ވެސް އިތުރުވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
"ހަރުކަށި ފިކުރު ފެތުރުމާއި، ޓެރަރިޒަމަށް ހިތްވަރުދިނުމާއި، ބޭރުގެ ހަނގުރާމަތަކަށް ދިވެހި ޒުވާނުން ޝައުގުވެރި ކުރުވުން ހުއްޓުވުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަގެންދެވޭ. ހަމައެހެންމެ، މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކާއި، އަލިފާނުގެ ހާދިސާތައް ދަނީ އިތުރުވަމުން. އެއްގަމާއި ކަނޑުގައި، އަސްކަރީ އަދި މަދަނީ ދިފާއުގެ ބޭނުންތަކަށް ގައުމީ ދިފާއީ ބާރު ހަރަކާތްތެރިވާންޖެހޭ ހާލަތުތަކާއި މިންވަރުވެސް މިވަނީ އިހުނަށްވުރެ އެތައްގުނައެއް އިތުރުވެފައި،" މާރިޔާ ވިދާޅުވިއެވެ.
އެހެންކަމުން، ސަލާމަތީ މަޝްރަޙުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް ރައީސް ސޯލިހުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ސިފައިންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން، މުހިންމު އެކި ފަންނުތަކުން ގައުމީ ދިފާއީ ބާރުގެ އެކި ލެވެލްގެ މީހުންނަށް ތައުލީމާއި ތަމްރީނުދީ، ސިފައިންގެ މީހާގެ ވިސްނުން ފުޅާކޮށް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތް ކަމަށް މާރިޔާ ވިދާޅުވިއެވެ.