މާލެ އަތޮޅު ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޗައިނާގެ ފަތުރުވެރިޔަކު ރޭޕް ކުރަން އުޅުނު ކަމަށް ބުނާ މައްސަލަ ދުނިޔޭ މީޑިއާތަކުގެ ފަލަސުރުހީތަކަށް އަރައިފިއެވެ.

އެކަމެއް ހިނގާފައި ވަނީ މީގެ ދެ ހަފްތާ ކުރިން މި މަހުގެ ހަ ވަނަ ދުވަހުއެވެ. ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައި އޮތީ އެ ދުވަހުއެވެ. ޔޮލީ ޔިޓޮން ނަމަކަށް ކިޔާ 26 އަހަރުގެ އަންހެން މީހާ ތުހުމަތުކުރާ ގޮތުގައި އޭނާ ރޭޕްކޮށްފައިވަނީ ފަސް ތަރީގެ އެ ރިސޯޓުގެ ބަޓްލަރެކެވެ. އޭނާ ޗުއްޓީއަށް ރާއްޖެއަކީ "އެކަނިމާ އެކަނި"އެވެ.

ޔޮލީ ތުހުމަތު ކުރަނީ އުޝާމް ނަމަކަށް ކިޔާ ދިވެހި ބަޓްލަރަކަށެވެ. މައްސަލަ ފެންމަތިވުމާ އެކު ރިސޯޓުން ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައެވެ.

ރޭޕްކުރި ކަމުގެ ވާހަކަ އެންމެ ފުރަތަމަ، ޔޮލީ ހިއްސާކުރި ޗައިނާގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްގައި ޗައިނާ ބަހުންނެވެ. ކަންހިނގާ ދިޔަ ގޮތް ކަމަށް ބުނެ އޭނާ ވަނީ ގިނަ މައުލޫމަތުތަކެއް އެ ސައިޓްގައި ހިއްސާކޮށްފައެވެ. އެއަށް ފަހު ޓްވިޓާ އެކައުންޓެއް އޭނާ ވަނީ ހުޅުވާފައެވެ. އެ އެކައުންޓުގައި ޔޮލީ ވަނީ އިނގިރޭސި ބަހުން ވެސް ވާހަކަތައް ހިއްސާކޮށްފައެވެ.

ޔޮލީ ބުނާ ގޮތުންނަމަ އެ މައްސަލަ ރިސޯޓު މެނޭޖްމެންޓުން އެންގުމުން މާ ބޮޑަށް އެކަމާ މެދު އަޅާލާފައިނުވާ ކަމަށެވެ. އަދި ވަގުތުން ރިސޯޓު ދޫކޮށް ދިޔުމަށް އެންގި ކަމަށް ވެސް ގިނަ އަދަދެއްގެ ޓްވީޓް ކުރި ޔޮލީ ބުންޏެވެ.

އޭނާގެ ޓްވީޓް، މިއަދާ ހަމައަށް 12 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ. 70 ހާހަށް ވުރެ ގިނަ މީހުން އެ ޓްވީޓް ރީޓްވީޓް ކޮށްފައިވެއެވެ. ޔޮލީ އަށް ބަޓްލަރުގެ ފަރާތުން ލިބުނު އަނިޔާ ކަމަށް ބުނާ ފޮޓޯތަކަކާއި ފުލުހުންނަށް މައްސަލަ ހުށައެޅިކަމުގެ ލިޔެކިޔުންތައް ހިއްސާކޮށްފައެވެ.

https://twitter.com/YolyYitong/status/1670412655562199040?t=NWlfsRtQfeJy41e4iwMPsw&s=19

ޗައިނާގެ އިތުރުން ދުނިޔޭގެ ގިނަ މީޑިއާތަކެއްގައި އެ ހަބަރު ރިޕޯޓްކޮށްފައިވެއެވެ. ބައެއް ނޫސްތަކުގައި ޔޮލީގެ އިންޓަވިއުވެސް ހިމަނާފައިވެއެވެ.

އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހާ ވާހަކަ ދައްކަމުން ޔޮލީ ބުނީ އެ މައްސަލަގައި، މިހާތަނަށް ރަސްމީ ފަރާތަކުން އެއްވެސް އެއްޗެއް ބުނެފައިނުވާ ކަމަށެވެ. އެކަމަކު ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ރިސޯޓަށް ގުޅާފައިވާ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ އިތުރުން ފުލުހުން ގާތުގައި މައްސަލަ ތަހުގީގުކޮށްދޭން އެމްބަސީން އެދިފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންނަށް ގަބޫލުކުރެވެނީ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން، ހާއްސަކޮށް ފުލުހުން މައްސަލަ އޮއްބާލަން މަސައްކަތްކުރާހެން" ޔޮލީ ބުންޏެވެ.

ޔޮލީގެ ޓްވީޓަކަށް ރިޕްލައި ދެމުން ރިޓްޒް ކާލްޓަން އިން ބުނީ އެފަދަ ތުހުމަތުތައް އެ ރިސޯޓުން ސީރިއަސްކޮށް ބަލާނެ ކަމަށެވެ. ރިސޯޓުގެ ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް އަބަދުވެސް ދެމުންދާ ކަމަށް ބުންޏެވެ.

މި މައްސަލާގައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސަރުކާރުން މިކަމުގައި އިތުރު ވާހަކައެއް ނުބުނެއެވެ.