ރައްޔިތުން މަޖިލީހުގައި ތިއްބެވި 87 މެންބަރުންގެ ތެރެއިން ބޮޑު މެޖޯރިޓީއެއްގެ އިތުބާރެއް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ ހަގީގަތް ގަބޫލުފުޅު ކުރެއްވުމާއި ނުކުރެއްވުމަކީ މަޖިލިސް ރައީސްގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް މިއަދު އިތުބާރު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތުން ނަޝީދު ވަކި ކުރުމަށް އެމްޑީޕީގެ ޕީޖީން ފާސްކުރީ މިމަހުގެ ހަވަނަ ދުވަހުއެވެ.
މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ މިހާރު ތިއްބަވަނީ 56 މެންބަރުންނެވެ. އޭގެތެރެއިން އެދުވަހުގެ ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 42 މެންބަރުންނެވެ. ޕީޖީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އަސްލަމް އަށް ޕީޖީގައި ނެގޭ ވޯޓުތަކުގައި ބައިވެރިއެއްނުވެވެއެވެ. އެހެންކަމުން އެ ވޯޓުގައި ބައިވެރިވީ 41 މެންބަރުންނެވެ. އޭގެތެރެއިން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ.
[caption id="attachment_53316" align="alignnone" width="1024"] ރައްޔިތުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް[/caption]
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮއިއާއެކުގައެވެ. އަސްލަމް ވިދާޅުވީ އެ މައްސަލާގައި ސޮއި ނުކުރައްވާ ހަ މެންބަރަކު ވެސް ނަޝީދާއި ދެކޮޅަށް ނެގޭ ވޯޓުގައި ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން މިހާރު ސޮއި ކުރައްވާފައި ތިއްބެވި މެންބަރުންނާއެކު ޖުމްލަ 60 މެންބަރުން ނަޝީދާއި ދެކޮޅު ކަމަށެވެ.
"އިތުބާރު ނެތްކަން [މަޖިލިސް ރައީސަށް] ވަރަށް ޔަގީން. މަޖިލީހުގައި މި ދެންނެވީ. ރައްޔިތުން މަޖިލީހުގައި މިހާރު ތިއްބެވި 87 މެންބަރުންގެ ބޮޑު މެޖޯރިޓީއެއްގެ އިތުބާރެއް މަޖިލިސް ރައީސަކަށް ނެތް. އެއީ ހަގީގަތް، ދެން އެކަން ގަބޫލުފުޅު ކުރެއްވުމާއި ނުކުރެއްވުން އެއީ އެމަނިކުފާނުގެ ކަމެއް،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެކަން އެ މައްސަލަ އެމްޑީޕީގެ ޕީޖީ އިން ފާސްކުރިތާ ހައެއްކަ ގަޑިއިރުގެ ތެރޭގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސޮއި ކުރެއްވި އެއްވެސް މެންބަރަކަށް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް ވާހަކައެއް މެންބަރަކުވެސް ހިއްސާ ކުރައްވާފައި ނުވާ ކަމަށެވެ.