ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ނުކުރާ ހަ މެންބަރަކު ނަޝީދާއި ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
އެކަން ހާމަ ކުރެއްވީ ރައްޔިތުން މަޖިލީހުގެ އިދާރާގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
މަޖިލީހުގެ ރިޔާސަތުން ނަޝީދު ވަކި ކުރުމަށް އެމްޑީޕީގެ ޕީޖީން ފާސްކުރީ މިމަހުގެ ހަވަނަ ދުވަހުއެވެ.
މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ މިހާރު ތިއްބަވަނީ 56 މެންބަރުންނެވެ. އޭގެތެރެއިން އެދުވަހުގެ ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 42 މެންބަރުންނެވެ. ޕީޖީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އަސްލަމް އަށް ޕީޖީގައި ނެގޭ ވޯޓުތަކުގައި ބައިވެރިއެއްނުވެވެއެވެ. އެހެންކަމުން އެ ވޯޓުގައި ބައިވެރިވީ 41 މެންބަރުންނެވެ. އޭގެތެރެއިން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ.
އަސްލަމް މިއަދު ވިދާޅުވީ ޕީޖީން ނެގި ވޯޓުގައި ނަޝީދު ރިޔާސަތުން ދުރު ކުރުމަށް ވޯޓު ނުދެއްވި މެންބަރުން ވޯޓު ދެއްވާފައި ނުވަނީ އެއްވެސް ހާލަތެއްގައި އެކަމާއި ދެކޮޅުވެގެން ނޫން ކަމަށެވެ. ނަމަވެސް އެބޭފުޅުން ބޭނުންފުޅުވީ އެ މައްސަލަ ޕީޖީ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނިގެން ކުރިޔަށް ގެންދިއުމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެކަން އެ މައްސަލަ އެމްޑީޕީގެ ޕީޖީ އިން ފާސްކުރިތާ ހައެއްކަ ގަޑިއިރުގެ ތެރޭގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސޮއި ކުރެއްވި އެއްވެސް މެންބަރަކަށް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް ވާހަކައެއް މެންބަރަކުވެސް ހިއްސާ ކުރައްވާފައި ނުވާ ކަމަށެވެ.
"އަޅުގަނޑު ބަލާލިން އެއްވެސް ބޭފުޅެއްގެ އެއްވެސް ކަހަލަ ނުފޫޒެއް އޮތްތޯ ވެސް ތި ވާހަކަ އަޑު އިވިގެން. އެއްވެސް ބޭފުޅަކު އަޅުގަނޑު ގާތުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއްގައި މިކަން [ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެވުން] ކުރެވުނު ވާހަކައެއް ވިދާޅެއް ނުވޭ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މިފަދައިން ވިދާޅުވިއިރު އިއްޔެ މަޖިލިސް އިދާރާގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ނަޝީދު ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވީ "އެވެނި މިވެނި ޕްރެޝަރެއް" ކޮށްގެން ކަމަށް ބައެއް މެންބަރުން އެމަނިކުފާނަށް މެސެޖު ކުރައްވާ ވިދާޅުވެފައި އެބަހުރި ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑަށް މަޖިލީހުގައި ސޮއި ނުކުރައްވާ ހަ ބޭފުޅަކު އަޅުގަނޑަށް ގުޅާފައި ދެންނެވި ވޯޓު ދެއްވާނަމޭ [ނަޝީދު ވަކި ކުރުމަށް]. އެހެންވީމަ 54 އާއި ހައަކާއި ވީމަ 60 އެބަވޭ އިތުބާރު ނެތްކަމަށް ވޯޓު ދެއްވާނެ ކަމަށް،" އަސްލަމް ވިދާޅުވިއެވެ.
މަޖިލިސް "މަރުތަޅުން ނެއްޓި" ހިންގަން އޮތް ހަމައެކަނި ގޮތަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން، ކޮންމެ ވެސް އެއް މައްސަލައެއް އަނބުރާ ނެގުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ. ނަމަވެސް އަސްލަމް ވަނީ އެކަމަށް ދެކޮޅު ހައްދަވައިފައެވެ. އެގޮތުން އަސްލަމް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް އެޖެންޑާނުކޮށް، ޕާކުކޮށްފައި ބޭއްވުމަކީ ގައުމަށް ގެއްލުން ހުރި ކަމެއް ކަމަށާއި މަޖިލީހުގެ ކަންކަން މަޖިލީހުން އަމިއްލައަށް ހައްލުކޮށް މަޖިލިސް ހިންގަންޖެހޭނެ ކަމަށެވެ.