މަޖިލިސް "މަރުތަޅުން ނެއްޓި" ހިންގަން އޮތް ހަމައެކަނި ގޮތަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން، ކޮންމެ ވެސް އެއް މައްސަލައެއް އަނބުރާ ނެގުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ދެކޮޅު ހައްދަވައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އަދި މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް އެޖެންޑާނުކޮށް، ޕާކުކޮށްފައި ބޭއްވުމަކީ ގައުމަށް ގެއްލުން ހުރި ކަމެއް ކަމަށާއި މަޖިލީހުގެ ކަންކަން މަޖިލީހުން އަމިއްލައަށް ހައްލުކޮށް މަޖިލިސް ހިންގަންޖެހޭނެ ކަމަށެވެ.

"މަޖިލިސް ޖެހޭނީ ހިންގަން ނުވަތަ މަގާމުގައި ނުތިއްބަވާށޭ އަޅުގަނޑު ދަންނަވާނީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން ބޮޑު މެޖޯރިޓީއެއްގެ އިތުބާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނެތް ކަމަށެވެ.

މަޖިލިސް "މަރުތަޅުން ނެއްޓި" ހިންގަން އޮތް ހަމައެކަނި ގޮތަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރެއިން، ކޮންމެ ވެސް އެއް މައްސަލައެއް އަނބުރާ ނެގުން ކަމަށް ނަޝީދު ވިދާުވެފައިވާތީ، އަސްލަމް ވަނީ އެއީ "ދެރަވަރު" ވާހަކައެއް ކަމަށެވެ. އަސްލަމް ވިދާޅުވީ ނަޝީދު ރިޔާސަތުގައި އިންނަވައިގެން، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އަސްލަމް ވިދާޅުވީ އޭނާ އަމިއްލަ ހައިސިއްޔަތުން ގަބޫލުކުރައްވަނީ މަޖިލީހުގެ ރައީސްކަމުގައި އިތުރަށް ނަޝީދު އިންނެވުމަކީ ދައުލަތެއް ގެއްލުންވާނެ ކަމެއްގެ ކަމަށެވެ.

"އަޅުގަނޑު ވެސް ޕާސަނަލީ ދޭކޭގޮތުގައި މި ގައުމަށް މި ދައުލަތަށް ގެއްލުމެއް ކުރިމަތިވާނެ ކަމެއް ރައީސް ނަޝީދު އިތުރަށް މަޖިލީހުގެ ރައީސްކަމުގައި އިންނަވައިގެން ކުރިއަށްދާން ނިންމާ ނިންމުމަކީ ދިވެހި ގައުމަށް ރަނގަޅު ގޮތެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ކަންކަން މަޖިލީހުން ނިންމަންޖެހޭނެ ކަމަށާއި އެކަންކަން ނުނިންމޭނަމަ، އެންމެ ފަހު މަރުހަލާއަކީ ސުޕްރީމް ކޯޓަށް ދިއުން ކަމަށެވެ.

"މިތަނަކީ ދައުލަތުގެ އެއް ބާރަށްވެފައި މިތަނުން މިތަނުގެ ކަންކަން ހަމަޖެއްސޭނެ މަގެއް ފެންނާނެތޯ ބަލާނަން. ދެން އަޅުގަނޑުމެންނަށް ދާން އޮންނާނީ ސުޕްރީމް ކޯޓް. އެ ހިސާބަށް ދިޔާމަ އަޅުގަނޑުމެން ދާނަން ސުޕްރީމް ކޯޓަށް،" އަސްލަމް ވިދާޅުވިއެވެ.

"[މަޖިލިސް މަރުތަޅު އެޅުވުމަކީ] ސިޔާސީ ބޭނުމެއްގައި ކަމެއްގައި ކޮށްފައި ބާއްވާ ވަރަށް ވުރެ މުޅި ގައުމަށް ގެއްލުންހުރި ކަމެއް. މިއީ ވެސް އިންތިހާ ކަންބޮޑުވާ ކަމެއް،" އަސްލަމް ވިދާޅުވިއެވެ.