ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ދައުލަތުގެ އެއް ބާރުގެ ވެރިޔާ އެވެ. މުޅި މަޖިލީހުގެ އިމްތިޔާޒް ހިމާޔަތް ކުރުމާއި ނެގެހެއްޓުމާއި މަޖިލީހުގެ މަސައްކަތްތައް އާދަވެގެން ކުރިއަށް ގެންދިއުމުގެ ޒިންމާ އޮތް ބޭފުޅާ އެވެ. އެހެނަސް މަޖިލީހުން ފެންނަމުން އެ ދަނީ އެހެން މަންޒަރުތަކެކެވެ.
މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 4 ވަނަ މާއްދާ ބުނަނީ މަޖިލީހުގެކަރާމާތާއި ގަދަރާއި މަޖިލީހުގެ ޒިންމާތަކާއި މަސައްކަތްތައް ކުރިއަށް ގެންދަން ހުރަސް އެޅޭ ކޮންމެ ކަމަކީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ބެލެވޭނެ ކަމަށެވެ. އަދި މުޅި މަޖިލީހުގެ އިމްތިޔާޒް ގެއްލިގެންދާ ހާލަތުގައި އެހެން ހުރިހާ ކަމަކަށް ވުރެ އެކަމަކަށް މަޖިލީހުން އިސްކަން ދޭންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެ އެވެ.
މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތީ މަޖިލީހުގެ ރިޔާސަތުން!
ވޭތުވެގެން މިދާ ދެތިން ހަފުތާ އެކުއެކީގައިގެން މަޖިލިސް ހުއްޓިފައި އޮތީ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކި ބަހަނާތަކުގައި ކުރިއަށް ގެންދަން މަޖިލިސް ރައީސް ހުރަސް އެޅުއްވުމުގަ އެވެ. ވީމާ މަޖިލީހުގެ އިމްތިޔާޒް ގެއްލޭ ހާލަތު މިފަހަރު ކުރިމަތި ކުރެއްވީ ސީދާ ރިޔާސަތުންނެވެ.
ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގަތް ކަމަށް ބުނާ މައްސަލަ މަޖިލީހަށް ބަލައިގަތުމަށްފަހު މަޖިލިސް ގަވާއިދާ ހިލާފަށްއިއްޔެގެ ޖަލްސާގައި ހުއްޓުވާލި އެވެ. ނަޝީދަށް ތާއީދުކުރައްވާ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި އިމްތިޔާޒްގެ މައްސަލަ ހުއްޓާލީ ބަހުސްކުރަން އެދުނު މެމްބަރުންތަކެއް ތަޅުމުގައި ނެތުމުން ކަމަށް ބުނެ އެވެ.
ނަމަވެސް މަޖިލިސް ގަވާއިދުގެ 186 ވަނަ މާއްދާގެ (އ) ބުނެފައިވަނީ އިމްތިޔާޒްގެ މައްސަލައެއް ބަލައިގަނެފި ކަމަށްވާނަމަ މަޖިލީހުން އެއަށް ކޮންމެވެސް ގޮތެއް ނިންމަން ވާނެ ކަމަށެވެ. އަދި މައްސަލައަކަށް ބަހުސްކުރަން އެދޭ މެމްބަރުން ތަޅުމުގައި ނެތް ހާލަތްތަކުގައި ވެސް މައްސަލަ ކުރިއަށް ގެންދިއުމަކީ މަޖިލީހުން އާދަވެގެން އަމަލުކުރާ އުސޫލެވެ.
އިމްތިޔާޒް ގެއްލިފައި, މަޖިލިސް ރައީސް ބާގެއިން ކުރެއްވުމުގައި!
މަޖިލީހުގެ އިދާރާގައި ނަޝީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުންނަމަ އެމަނިކުފާނު މަގާމުން ދުރުކުރަން މަޖިލީހުގެ ސާފު އަގުލަބިއްޔަތު މެމްބަރުން ސޮއިކޮށް ހުށަހެޅުއްވި މައްސަލަ ކުރިއަށް ނުގެންދެވޭނީ އެމަނިކުފާނާއި އީވާގެ މައްސަލަ އެއް ވަގުތެއްގައި މަޖިލީހަށް ވެއްދުމުންނެވެ. އެމަނިކުފާނު އެދިވަޑައިގަތީ އީވާގެ މައްސަލަ ނެގުމަށެވެ.
"މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އަނބުރާ ނަންގަވާށޭ. އޭގެ ފަހުން އަޅުގަނޑުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލިސް ނުހުއްޓުވާ ރީތިކޮށް ގެންގޮސް ނިންމޭނެ." ނަޝީދު އިއްޔެ ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވި ނަމަވެސް މަޖިލިސް ގަވާއިދުގައި މަޖިލިސް ރައީސާއި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ އެއްފަހަރާ ނުވެއްދޭނެ ކަމަށް ބުނާ އެއްވެސް އުސޫލެއް ގަވާއިދަކު ނޯވެ އެވެ. އެހެނަސް މިއީ ދެ ބޭފުޅުން ވަކިކުރަން އެއްފަހަރާ މައްސަލަ ވެއްދި ފުރަތަމަ ފަހަރެވެ.
ރިޔާސަތާ ހަވާލުނުވެ, ވޯޓަށް ނާހާ މަޖިލިސް ޗުއްޓީއަށް!
ނަޝީދު ވިދާޅުވި ގޮތުންނަމަ އެމަނިކުފާނު ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމުން ތަނާޒުލްވެ ވަޑައިގެންފައިވާތީ މަޖިލީހުގެ އިތުރު ޖަލްސާއެއް ނުބޭއްވޭނެއެވެ. އެއީ ރައީސާއި ނައިބު ރައީސް ނޫން މެމްބަރަކަށް ތިން ޖަލްސާއަށް ވުރެ ގިނައިން ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް އޮންނާތީއެވެ.
އެއީ ބުރާސްފަތި ދުވަހު މަޖިލިސް ޗުއްޓީއަށް ދާތީ, އިތުބާރު ނެތްކަމުގެ މައްސަލައަށް މި ދައުރުގައި ވޯޓަށް ނާހާނެ ކަމުގެ އިޝާރާތެކެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ އޮތުމުން ކަމަށް ވިދާޅުވެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ދެއްކެވީ މަޖިލީހުގެ ގަވާއިދުގައި ފެންނަން އޮތްގޮތާ އިދިކޮޅަށެވެ. އިތުބާރު ނެތްކަމުގެ މައްސަލަ އޮއްވާ ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭނީ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރެވޭ ޖަލްސާގައި އެކަނި ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. ވީމާ މިއީ ގަސްދުގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ހުރަސް އަޅުއްވަން އެމަނިކުފާނު ކުރައްވާ ކަމެއް ކަމަށް އެމްޑީޕީން ބުނާ ބުނުމަށް ބާރު ލިބޭ ކަމެކެވެ.
ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމުން ތަނާޒުލްވެ ވަޑައިގަތް ނަމަވެސް މަގާމުގެ ހައިސިއްޔަތުން އެހެން ޒިންމާ ބަރާބަރަށް ނަޝީދު މިހާރު އަދާކުރައްވާތީ ރިޔާސަތު ބެލެހެއްޓުމުން އުޒުރުވެ ވަޑައިގަންނަވަންޖެހޭ ހާލަތެއް ނެތްކަން ސާފެވެ. އަދި މަޖިލިސް ގަވާއިދު ވެސް އޮތީ ހިތްޕުޅަށް އެރީމާ އުޒުރުވެރިވެވޭ ގޮތަކަށް ނޫނެވެ.
މަޖިލީހުގެ ކަރާމާތާއި އިމްތިޔާޒް ހިފެހެއްޓުމުގެ ޒިންމާ އޮތް މަޖިލިސް ރައީސްގެ ފަރާތްޕުޅުން މިހާރު ފެނިގެންދަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް އަމަލުކުރައްވާ މަންޒަރެވެ.