ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ދެ ހަފްތާގެ މުއްދަތެއް ދިނުމަށާއި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭ ގޮތަށް މަޖިލީހަށް ހުށަހެޅި އިސްލާހުތައް މިއަދު ފާސްކޮށްފިއެވެ.
ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހުވާ ގޮތުން ލޯފަން މީހުން ވޯޓުލާނީ ހާއްސަ ޓެމްޕްލޭޓެއް ބޭނުންކޮށްގެންނެވެ. ބިލުގައި ބުނެފައިވާ ގޮތުން އެ ޓެމްޕްލޭޓަކީ ވޯޓުކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ލޯފަން މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެކެވެ.
ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި އެ އިސްލާހު، މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާކުރުމަށް ފަހު މަޖިލީހުން މިއަދު ފާސްކުރީ 51 މެމްބަރުން އިއްތިފާގުންނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު 14 ދުވަހަށް (ދެ ހަފްތާ) އިތުރު ކުރުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. ރިޔާސީ އިންތިހާބުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް ދެވޭނީ 10 ދުވަހެވެ.
ސަރުކާރު ފަރާތުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި އެ އިސްލާހު މިއަދު ބޭއްވި މަޖިލީހުން ފާސްކުރީ 48 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުރިއަށް ގެންދިޔައީ ރިޔާސަތުގައި ހަސަން އަފީފު އިންނަވައިގެންނެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާ "އެންމެ ދޮށީ" މެމްބަރުގެ ހައިސިއްޔަތުން ރިޔާސަތު ބަލަހައްޓަން ޖެހުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާއާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި އެ ދެބޭފުޅުން ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވުމުންނެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސް އުޒުރުވެރިވެއްޖެ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު، "އެންމެ ދޮށީ" މެމްބަރަކަށް ބެލެހެއްޓޭނީ ވިދިވިދިގެން ތިން ދުވަހުއެވެ. މިއީ އަފީފު ރިޔާސަތު ބަލަހައްޓަވާ ތިން ވަނަ ދުވަހެވެ. މިއަދުގެ ފަހުން ދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާނެ މަގެއް ފެންނާކަށް ނެތެވެ.