އެމްޑީޕީ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ފަހުން، ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މީޑިއާއާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.
ނަޝީދުގެ މައްޗަށް 61 ޕަސެންޓުގެ އަގުލަބިއްޔަތަކުން ރައީސް ސާލިހު ކާމިޔާބު ހޯއްދެވިފަހުން، އެމަނިކުފާނު މީޑިއާތަކާ ބައްދަލެއް ނުކުރައްވައެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާލުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްފަހު، ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާ މިއަދު ނިމޭނެ ވަކި ވަގުތެއް އެނގިފައިނުވާތީ، ޕްރެސް ކޮންފަރެންސް ފަށާނެ ވަކި ގަޑިއެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.
"މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ރައްްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެ. ޖަލްސާ ނިމޭނެ ވަކި ގަޑިއެއް ދަންނަވަން އަދި ނޭނގެ. ވީމާ، ނޫސްކޮންފަރެންސަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ނޫސްވެރިން ކުރިއާލާ ތައްޔާރުވެ، ޖަލްސާ ނިމުމުގެ ކުރިން މަޖިލީހުގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެން،" މަޖިލީހުގެ މީޑިއާ ގްރޫޕަށް ޒިޔާއު ފޮނުވި މެސެޖުގައިވެއެވެ.
ޕްރައިމަރީއަށްފަހު، އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުންތަކަށް ނޫސްވެރިން ދިޔަ ނަމަވެސް، ނޫސްވެރިންގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބެއް ނުދެއްވަފައެވެ. އަދި އޭގެ ފަހުން ލޯފަން ކުދިންނާ އެކު، މަޖިލީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނަޝީދު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ނޫސްވެރިން ސުވާލު ކުރެއްވުމުގެ ކުރިން ނަޝީދު ވަނީ އެތަނުން ވަޑައިގެންފައެވެ.
އެހެންކަމުން އެމްޑީޕީ ޕްރައިމަރީއަށްފަހު އެމަނިކުފާނު ނޫސްވެރިންނާ މި ބައްދަލު ކުރައްވަނީ 4 މަހާއި 22 ދުވަސްފަހުންނެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި