މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ގައި ވިލިފުށި ދާއިރާގެ މެމްބަރު އަހުމަދު އަފީފަށް ހުރެވޭނެ އެންމެ ފަހު ދުވަސް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ ވިދާޅުވީ މަޖިލީސް މިހާރު ހިނގަމުން ދަނީ އެއްގޮތަކަށްވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައިގެން ނޫން ކަމަށެވެ. މަޖިލީސް ކުރިއަށްގެންދަނީ ރިޔާސަތުގައި ހުންނަވާ ބޭފުޅަކު ބޭނުންގޮތަށް ކަމަށާއި ރިޔާސަތު އިންނަވަން ޖެހޭ ބޭފުޅާ އުޅުއްވަނީ "ފިއްލަވައިގެން" ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"ވޯޓަށް ފިލައިގެން އުޅުމުން މި މަޖިލީހުގެ މެމްބަރުންގެ އިތުބާރު އޮތް ކަމަކަށް ނުވާނެ" މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވާ ވިދާޅުވިއެވެ.

ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެރިކަންކުރާ އެމްޑީޕީން ވަނީ ވައްދާފައެވެ. މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ދެ ބޭފުޅުންވެސް ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ. އެހެންވެ ރިޔާސަތު ބަލަހައްޓަމުން ގެންދަވަނީ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ރޮޒެއިނާ ވިދާޅުވީ އިތުރު ޖަލްސާއެއްގައި ރިޔާސަތު ބެލެހެއްޓުމުގެ ޖާގަ މަޖިލީހުގެ ގަވާއިދު، އަފީފަށް ތަން ނުދޭ ކަމަށެވެ.

"މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އިއްޒަތްތެރި ރައީސަށް، ވިލިފުށީ ދާއިރާގެ މެމްބަރަށް އިނދެވޭނެ ފަހު ދުވަސް މީ" އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނާއިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ގާނޫނުއަސާސީގެ 82ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ވާނެއެވެ. މިގޮތަށް ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރި މެންބަރުންގެ ތެރެއިން ޖުމްލަ ފަސް މެންބަރެކެވެ. އަދި އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަށެވެ.

"ތިން ދުވަސް ތިން ޖަލްސާ ވިދިވިދިގެން މަނިކުފާނަށް (އަފީފް) އަށް ބެލެހެއްޓެވޭނީ. އެއަށް ފަހު ކިހިނެއްތޯ ހައްދަވަން ގަސްތުކުރައްވަނީ" ރޮޒެއިނާ ސުވާލު އުފެއްދެވިއެވެ.

ރޮޒެއިނާ އަށް ފަހު ވާހަކަ ދެއްކެވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސެއިން) ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް ހުއްޓި އިމްތިޔާޒު ގެއްލިފައިވާ ކަމަށެވެ.

"މި ތަނަކީ ދަ ޑިމޮކްރެޓް ޕާޓީގެ މެމްބަރުންނަށް އެއާ ޓައިމްދޭ ތަނެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ" ނަޝީދާ އެމަނިކުފާނުގެ އަރިސް ބޭފުޅުން އުފައްދަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސް އަށް ބަހުގެ ހަމަލާތައް ފޮނުވަމުން އަނދުން ހުސެއިން ވިދާޅުވިއެވެ.

ނަޝީދާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް މަޖިލީހަށް ވަނީ މިއަދު ހުށަހަޅުއްވާފައެވެ. އެ މައްސަލަ ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ)އެވެ. އަނދުން ހުސެއިން ވިދާޅުވި އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭ ކަމަށާއި އެ މައްސަަލަ ނިމެންދެން މަޖިލީހުގެ ދައުރު ދައްމާލަން ޖެހޭ ކަމަށެވެ.