ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އުފައްދަވާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރުމުގެ ކަންކަން އޮންނަ އުސޫލާއި ހިލާފަށް އަވަސްއަރުވަލައިގެން ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީގެ) ރައީސް ފުއާދު ތައުފީގް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ ކޮމިޝަންގެ މެމްބަރަކު ތުހުމަތުކޮށްފިއެވެ.

ޕާޓީ އުފެއްދުމުގެ ހުއްދައާ މެދު ގޮތެއް ނިންމުން ކޮމިޝަނުން ވަނީ ރޭ ކުއްލި ޖަލްސާއެއް ބާއްވައި ވޯޓެއް ވަނީ ނަގާފައެވެ.

އީސީގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ދެ މެންބަރަކު ފިޔަވައި އެހެން ބޭފުޅުން ވޯޓު ދެއްވީ ޕާޓީ އުފެއްދުމުގެ ހުއްދަ އަދި ނުދޭންށެވެ. ފުއާދު މަސައްކަތް ކުރައްވަނީ ވަކި ބައެއްގެ ނުފޫޒުގެ ދަށުން ކަމަށް، ދެކޮޅަށް ވޯޓު ދެއްވި ދެ މެމްބަރުން ތުހުމަތުކުރެއްވި ކަމަށް ވެސް ހުދު ފުއާދު ވެސް ވަނީ ވިދާޅުވެފައެވެ.

އެ ދެ މެމްބަރުންނަކީ އަލީ ނަޝާތު އާއި މުހައްމަދު އާސިފެވެ. ދެން ހިމެނިވަޑައިގަންނަވާ މެމްބަރު މުހައްމަދު ޒާހިރު މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގަ އެވެ.

ފުއާދު ދެއްކެވި ވާހަކަތަކާއި އަދި ދަ ޑިމޮކްރެޓުން ކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން "ހަތާވީސް"އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު ނަޝާތު ވިދާޅުވީ ރޭގައި ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނަޝާތު ވިދާޅުވީ ކުއްލި ޖަލްސާއެއް ބާއްވަނީ ދިމާވާ ބޮޑުކަމެއްގެ ސަބަބުން ކަމަށެވެ.

"އެކަމަކު އެއީ ކުއްލި ޖަލްސާ ބާއްވާން ޖެހޭ ބޮޑު މައްސަލަ ނޫން" ނަޝާތު ވިދާޅުވިއެވެ.

ތިން މަސް ދުވަހަށް ޕާޓީ ރަޖިސްޓްރީ ކުރުން ދިގު ދައްމާލަން ވޯޓު ދިން ކަމަށް ދެކެވޭ ވާހަކަތައް އޮޅުން ފިލުވައިދެމުން ނަޝާތު ވިދާޅުވީ "އެއީ ދޮގެއް" ކަމަށެވެ. ވިދާޅުވީ ވޯޓު ދެއްވީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކަން ކުރުމަށް ކުރަން ޖެހޭ ކަންތައް ބެލުމަށް އިތުރު ވަގުުތު ދިނުމަށެވެ.

"މިއަދުވެސް މާދަމާވެސް ފޯމްގެ ސައްހަކަން ކަށަވަރު ވެއްޖެއްޔާ އެކަން ކުރަން އަޅުގަނޑުމެން ބޭނުންވަނީ. ކޮމިޝަން ރައީސް ބޭނުންވަނީ އަވަސް އަރުވާލައިގެން އެކަން ކުރަން" އޭނާ ވިދާޅުވިއެވެ.

ނަޝާތު ވިދާޅުވި ގޮތުގައި ކޮމިޝަންގެ މެމްބަރުން ވޯޓު ދިން ގޮތް ރައީސަށް އާއްމު ނުކުރެވޭނެއެވެ. އަދި އެއީ މިހާތަނަށް ކޮމިޝަނުން އެއްވެސް އިރެެއްގައި އަމަލުކޮށްފައިވާ ގޮތެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.

"ކޮމިޝަންގެ ރައީސް ހުންނެވީ ނުފޫޒެއްގައި ދަށުގައިކަން އަޅުގަނޑުމެންނަށް ޝައްކު" ނަޝާތު ވިދާޅުވިއެވެ.