ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވަމުން އަންނަ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދެ މެންބަރަކު ހުރަސް އަޅަމުން އަންނަ ކަމަށް އެ ޕާޓީ އުފެއްދުމަށް އިލެކްޝަނުން ހުއްދަ ދެއްވާފައިވާ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުން ލަސްވަމުން އަންނަ މައްސަލާގައި އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން މިއަދު ވަނީ އީސީ އަށް ވަޑައިގެންފައެވެ. އީސީ އަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ހަސަން ލަތީފް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ވެސް އެ ބޭފުޅުން އީސީ އަށް ވަޑައިގަތުމުން ޕާޓީ އުފެއްދުމުގެ ހުއްދަ މިދިޔަ ބުރާސްފަތި ދުވަހު ދޭން މަސައްކަތް ކުރާ ކަމަށާއި އެކަން ނުކުރެވިއްޖެ ނަމަ މިއަދު [އާދިއްތަ ދުވަހު] އެ ހުއްދަ ދެވޭނެ ކަމަށް އީސީން ބުނެފައިވާ ކަމަށެވެ.

އެހެންނަމަވެސް މިއަދުގެ ދެބައިކުޅަ އެއްބައި ނިމިގެން ދިޔައިރުވެސް އެ ހުއްދަ ލިބިފައި ނުވާތީ ހަސަން ލަތީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ހަވާލުކުރި ފޯމުތަކުގެ ތެރޭގައި 3،000 ސައްހަ ފޯމު އޮތްކަން އީސީގެ ރައީސް ފުއާދު ތައުފީގު ޔަގީން ކޮށްދެއްވާފައިވާ ކަމަށެވެ. އަދި އާއްމުކޮށް އެ އަދަދަށް މެންބަރުން ހަމަވުމުން ޕާޓީ އުފެއްދުމުގެ ޖަލްސާ އަށް ހުއްދަ ދޭ ކަމަށާއި ނަމަވެސް މިފަހަރު ކޮންމެވެސް ވަރަކަށް ތަފާތު ގޮތަކަށް މަސައްކަތް ކުރައްވާ ހަސަން ލަތީފް ވިދާޅުވިއެވެ.

އެގޮތުން "އެހެން ގޮތަކަށް އަދިވެސް އެ ފޯމުތައް ޗެކު ކުރުމަށް" އީސީގެ ބައެއް މެންބަރުން ބޭނުންވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ހަސަން ވަނީ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް ބާއްވާ އީސީގެ ޖަލްސާ ބޭއްވުމަށް އެ ކޮމިޝަނުގެ ދެ މެންބަރަކު ހުރަސް އަޅުއްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެ ކޮމިޝަނުގައި ފަސް މެންބަރަކު ތިއްބަވާއިރު އެއް މެންބަރަކު މިހާރު ވަނީ ހައްޖުގެ އަޅުކަމަށް މައްކާ އަށް ވަޑައިގެންފައެވެ.

ރައީސާ ނާއިބު ރައީސް މަސައްކަތް ކުރައްވާ ބައްދަލުވުން ބޭއްވޭތޯ. އެކަމަކު އަނެއް ދެބޭފުޅުން ގެ އެއްބާރުލުން ލިބޭ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެހެންވީމަ އެ ދެބޭފުޅުން މިޖަލްސާ އަށް ވަޑައިގެންނެވޭނެ ގޮތެއް އަޅުގަނޑުމެންނަށް ކޮށްދެވެންޏާ އަޅުގަނޑުމެން މިތިބީ އެކަން ކޮށްދޭން،" ހަސަން ވިދާޅުވިއެވެ

އީސީގެ ރައީސް ފުއާދު ތައުފީގް "ހަތާވީސް" އަށް މިއަދު ވިދާޅުވީ މިހާރު މަސައްކަތްކުރަނީ މުވައްޒަފުންނާ ވާހަކަ ދައްކައިގެން ފޯމް ޕްރޮސެސިން މިއަދަށް ނިންމާލުމަށް ކަމަށެވެ.

"މިއަދަށް ނިންމާލެވޭތޯ ބަލަނީ މުވައްޒަފުންނާ ވާހަކަ. ދެންމެ ޗެކްކުރި އިރު މިއަދަށް ނިންމާލެވެނޭ،" ފުއާދު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އިން ބުނެފައިވާ ގޮތުން ހަފްތާއެއްގެ ތެރޭގައި 3000 މެމްބަރުން ހަމަކުރެވުނީ ޕާޓީއަށް މެމްބަރުން ހޯދަން ރަށްރަށަށް ދަތުރުތަކެއް ކޮށްގެން ނޫން ކަމަށެވެ.

ދަ ޑިމޮކްރެޓްސް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އެމަނިކުފާނުގެ "ލޯޔަލިސްޓުން" އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ޕާޓީއެކެވެ. ނަމަވެސް ނަޝީދު އަދިވެސް ހުންނަވަނީ އެމްޑީޕީގައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެކަން ރަަސްމީކޮށް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެމްޑީޕީގެ ތެރެއިން އިތުރު ޕާޓީއެއް އުފައްދަން ޖެހުނީ ޑިމޮކްރެޓިކްސް އުސޫލާ ހިލާފަށް ކަންކަން ކުރިއަށް ގެންދާތީވެ ކަމަށް އެ ޕާޓީން ވަކި ފަރާތްތަކުން ދަނީ ބުނަމުންނެވެ.