ރައީސް އޮފީސް ތެރޭގައި ތިއްބަވާ ލިޔުނު ސިޓީއެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އަނިޔާވެރިއެއް ކަމަށް އިދިކޮޅު ކޯލިޝަން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް މިއަދު ވަޑައިގެންފައެވެ. މިދިޔަ ހަފްތާގައި ވެސް ރައީސް އޮފީސް ކައިރިއަށް ވަޑައިގެންނެވިއެވެ. ނަމަވެސް މިއިން އެއްވެސް ދުވަހަކު ރައީސް ސޯލިހާ ބައްދަލު ކުރެއްވޭނެ ގޮތެއް ނުވިއެވެ. އެހެންކަމުން އިދިކޮޅުން މިއަދު ވަނީ ރައީސް އޮފީސް ތެރޭގައި ތިބެ، ސިޓީއެއް ލިޔެ، ބައްދަލު ކުރެއްވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދިފައެވެ.
އެ ސިޓީގައި ސޮއި ކުރައްވާފައި ވަނީ އިދިކޮޅު ކޯލިޝަން މިވަގުތު ލީޑު ކުރައްވަމުން އަންނަ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އެވެ.
އެ ސިޓީގައި އަދުރޭ ވަނީ ރައީސް ސޯލިޙާ ބައްދަލުކުރުމަށް އަންނަތާ ހަތަރު ދުވަސްވެއްޖެ ކަމަށް ވިދާޅުވެފައެވެ. އިދިކޮޅުން ރައީސާ ބައްދަލުކުރެއްވުމަށް އަންނަނީ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށާއި އެގޮތުން އަދުރޭ ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް، "ރައީސް ސޯލިހު އިސްވެ ހުންނަވައިގެން އަނިޔާ ކުރާ" ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ޖަލުގައި ބާއްވަވައިގެން "ދިވެހިރާއްޖޭގެ މަސް ކަނޑާއި ދިވެހިންގެ ބިންބިމާއި މިނިވަންކަން ވިއްކާލާ ރައްޔިތުން އަޅުވެތި ކުރަމުންދާ" ކަމަށް ވެސް އިދިކޮޅުން ރައީސަށް ފޮނުއްވި ސިޓީގައިވެއެވެ.
"މިއަދަކީ މަނިކުފާނުގެ އަނިޔާގައި ރައީސް ޔާމީން ނުހައްގުން ޖަލުގައި އޮންނަވާތާ 940ވާ ދުވަހެވެ. ވީމާ މަނިކުފާނާއި ބައްދަލު ކުރެއްވޭނެ ގޮތެއް ހޯއްދަވައި ދެއްވުމަށް އެދެމެވެ،" އިދިކޮޅުގެ ސިޓީގައިވެއެވެ.
އިދިކޮޅުގެ އިސްވެރިން މިފަހަކަށް އައިސް ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންނާއި އަންނަނީ ބައްދަލުކުރައްވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް އެ ކޮމިޝަން ވެސް މިދިޔަ ހަފްތާގައި އިދިކޮޅުން ދިޔައެވެ.