މިމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 861،167 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މިމަހުގެ އެއްވަނަ ދުވަހުން 14ވަނަ ދުވަހުގެ ނިޔަލަށް 51،916 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އައިސްފައި ވަނީ 754،301 ފަތުރުވެރިންނެވެ. 2021ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 479،597 ފަތުރުވެރިންނެވެ.

ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ފެބްރުއަރީ މަހުއެވެ. އެއީ 177،915 ފަތުރުވެރިންނެވެ. މިދިޔަ މާޗު މަހަކީ ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި މަހެވެ. އެގޮތުން މާޗު މަހު ރާއްޖެ އަށް 173،514 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ތިންވަނަ އަށް އެންމެ ގިނަ އިން ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އަހަރުގެ ފުރަތަމަ މަސް ކަމަށްވާ، ޖެނުއަރީ މަހުއެވެ. އެމަހުގެ ތެރޭގައި 177،499 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާ އަކީ ރާއްޖޭގެ އެއްވަނަ ފަތުރުވެރިކަމުގެ މާކެޓެވެ. ދެވަނާގައި އޮތީ ރަޝިޔާއެވެ. އަދި ތިންވަނާގައި އޮތީ ޔޫކޭއެވެ.