ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް މަގުމަތިން ދިމާކޮށް، އޭނާއަކީ ކާފަރެއް ކަމަށް ބުނެ، ފުރައްސާރަކުރި، ޕީޕީއެމް/ޕީއެންސީގެ މީހުންނަށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ދީނީ އަދި މިހާރު ދީނީ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަލީ ރަމީޒު ހިތްވަރު ދެއްވައިފިއެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިލޭސާބަކަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އިޔާޒަށް ފުރައްސާރަކޮށް، ދިމާކޮށްލީ މަޖިލީދީމަގު، ސޯޝަލް ސެންޓަރު ކައިރިންނެވެ. ސައިކަލުގައި ވަޑައިގަންނަވަނިކޮށް، އެ ސަރަހައްދުގައި މުޒާހަރާކުރަން ތިބި އަންހެންވެރިންތަކެއް ވަނީ އޭނާގެ ފަހަތުން ދުވެ، އަޑު ލައްވައި ހަދާފައެވެ. ޔާމީން މިނިވަންކުރުމަށާއި ރައީސް ސާލިހަށް ފާޑުކިޔައި ލިޔެފައިވާ ޕޯސްޓަރުތަކެއް ހިފައިގެން ތިބި މީހުން ވަނީ އިޔާޒަށް އަމާޒުކޮށް، "ބޮޑު ކާފަރޭ" ކިޔައި ފުރައްސާރަކޮށްފައެވެ.

އިޔާޒަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރެވެ. އަދި އެ ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސެވެ. އޭނާ ގެންދަވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ލެކްޗަރާކަން ވެސް ކުރައްވަމުންނެވެ.

https://twitter.com/aliramyz/status/1669207855768150016?s=20

އިޔާޒްއާ ދިމާކުރި މީހުންނަށް ހިތްވަރު ދީ އަލީ ރަމީޒު އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓުތަކުގައި ވަނީ ދީނީ އިލްމުވެރިއެއްގެ ލޭބަލް ޖެހިގެން 24 ގަޑިއިރު، "ވަކަރުގޭ ކުދިން ގޮތަށް" ދުލަށް އަންނަހާ އެއްޗެއް ޓްވީޓު ނުކުރުމަށް އެދިފައެވެ. އަދި ބުނެފައި ވަނީ "ލާދީނީ ބައިގަނޑުގެ މިލަ" ދޮވެދެމުން މުސްލިމުން ރުޅި އަރުވަމުން، ތިމާ އަބަދުވެސް ބަޔާން ކޮށްދެމުން ދަނީ މާތް ރަސްކަލާނގެ ހައްގު ދީން ކަމަށް ބުނެ ބުހުތާނު ދޮގު ނުހެދުމަށެވެ.

"ގައުމު އަޅުވެރި ކުރުމަށް އެހީތެރިވަމުން ދުވާއިރު ކުޑަވެސް ބިރެއް ލަދެއް އަގަލެއް ބަހައްޓަބަލާށެވެ. ހަމަ ޔަގީނުން ވެސް ތިޔައީ މާތް ރަސްކަލާނގެ ހަޞްރަތަށް ހުއްޓެން ޖެހޭނެ މަހްލޫގެކެވެ،" ޑރ. އިޔާޒުގެ ނަން ހާމަނުކޮށް އަލީ ރަމީޒު ބުންޏެވެ.

ސަރުކާރަށް ތާއިދުކޮށް، ޓްވީޓު ކުރައްވާ އިޔާޒަށް މަގުމަތިން ދިމާކޮށްލުމުން އަދާލަތު ޕާޓީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.