ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މެދުވެރިކޮށް އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ ތެރެއިން އަންނަ އޮގަސްޓު މަހުގެ ތެރޭގައި ވަދެވޭނެ ފްލެޓުތަކުގެ ސްޓްރަކްޗާ ނިންމާލުމަށްފަހު، ފިނިޝިން މަސައްކަތްތައް ފަށައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އަޅާ އެ ފްލެޓުތަކުގެ ތެރޭގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 އެޕާޓްމަންޓު އިމާރާތް ކުރެވިގެން ދާނެއެވެ. އެ މަޝްރޫގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލު ކުރެވިފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެވެ.

[caption id="attachment_53037" align="alignnone" width="2246"] ފިނިޝިންގެ މަސައްކަތްތައް ކުރިޔަށްދާ ފްލެޓެއްގެ އެތެރެ: ފޮޓޯ / ހަތާވީސް[/caption]

އެފްޑީސީން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މަސައްކަތް އެއްކޮށްހެން ނިމިފައިވާ ތިން ކޮޓަރީގެ ފްލެޓުތަކުގެ ތެރެއިން ދެ އެޕާޓުމަންޓެއް ދައްކާލައިފައެވެ. އޭގެ ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސް ފަހުން މިއަދު އެފްޑީސީން ވަނީ އެ ކޯޕަރޭޝަން މެދުވެރިކޮށް އިމާރާތް ކުރަމުން އަންނަ ހުރިހާ ފްލެޓުތަކުގެ މައުލޫމާތުތަކެއް މީޑިއާތަކާއި ހިއްސާ ކޮށްފައެވެ.

އެގޮތުން މިއަދު ހެނދުނު އެފްޑީސީން ވަނީ ފްލެޓުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ސައިޓުތަކަށް މީޑިއާތައް ގެންގޮސް އެ ސައިޓުތަކުގައި ކުރިޔަށްދާ މަސައްކަތްތަކުގެ މައުލޫމާތުތައް ހިއްސާ ކޮށްފައެވެ. ބައެއް ފްލެޓުތަކުގައި ފައުންޑޭޝަން މަސައްކަތްތައް ނިމިފައިވާއިރު އަނެއްބައި ފްލެޓުތަކުގެ ސްޓްރަކްޗާ އެއްކޮށްހެން މިހާރު ވަނީ ނިންމައިފައެވެ. އަދި އޭގެތެރެއިން ބައެއް ފްލެޓުތަކުގައި މިހާރު ކުރިޔަށް ދަނީ ފިނިޝިނިން މަސައްކަތްތަކެވެ.

[caption id="attachment_53038" align="alignnone" width="2372"] ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ޓަވަރެއް --- ފޮޓޯ / ހަތާވީސް[/caption]

ފްލެޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު "ހަތާވީސް" އަށް ހިއްސާ ކުރައްވަމުން އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓު މެނޭޖަރު އަހްމަދު ޝަމްއޫލް މިއަދު ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތް ފެށުނު ޓަވަރުގެ މަސައްކަތްތައް ނިމި ފިނިޝިން މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އަދި އިތުރު ހަ ޓަވަރެއް ނިންމުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ޖުލައި، އޮގަސްޓު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

[caption id="attachment_53040" align="alignnone" width="2152"] އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓު މެނޭޖަރު އަހްމަދު ޝަމްއޫލް "ހަތާވީސް"އާ ވާހަކަދައްކަވަނީ ---[/caption]

ޝަމްއޫލް ވިދާޅުވި ގޮތުގައި ފްލެޓުތަކުގެ އެތެރެ އެތުރިފައި ހުންނަ ގޮތްތައް އެއް އެޕާޓުމަންޓާއި އަނެއް އެޕާޓުމަންޓާއި ތަފާތު ވާނެ ކަމަށެވެ. އެހެންނަމަވެސް ކޮޓަރިތަކުގެ ބޮޑު މިނާއި ސިޓީން ރޫމުގެ ބޮޑު މިނާއި ބަދިގޭގެ ސައިޒަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ޝަމްއޫލް ވިދާޅުވިއެވެ. ޓަވަރުތައް ފަރުމާ ކުރިއިރު އެމްއެންޑީއެފްގެ ހުއްދައާއެކު އަލިފާން ނިއްވާ ނިޒާމުތައް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރެވިފައިވާ ކަމަށް ޝަމްއޫލް ވިދާޅުވީ އޭގެއިތުރުން ވެސް ކޮންމެ ޔުނިޓަކަށް ފަޔާ ބްލޭންކަޓަކާއި ސީއޯޓޫ ފުޅިއެއް ބަހައްޓާފައި ހުންނާނެ ކަމަށެވެ.

މިހާތަނަށް އިމާރާތް ކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކާއި އަޅާ ބަލާއިރު މި ފްލެޓުތައް ފެންނަނީ ވަރުގަދަކޮށެވެ. ޝަމްއޫލް ފާހަގަކުރެއްވި ގޮތުގައި ފްލެޓުތައް އިމާރާތް ކޮށްފައި ވަނީ "ފުލީ ކޮންކްރީޓުން" ކަމަށެވެ.

[caption id="attachment_49693" align="alignnone" width="1176"] ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތް ކުރަމުން ގެންދާ ފްލެޓެއްގައި ދައްކާލުމަށް ހަދާފައިވާ އެޕާޓްމަންޓެއް -- ފޮޓޯ/ ފަހި ދިރިއުޅުން ކޯޕަރެޝަން[/caption]

"އިމާރާތަށް ބޭނުންވާ ހުރިހާ ސާވިސްތަކެއް ކަރަންޓާއި ފެނާއި މި ހުންނަނީ ތަތްގަނޑު ތެރޭގައި. އެހެންވީކަ ތަތްގަނޑު ރޭވުމަށްފަހު މި ކުރަން ޖެހޭ ކަމަކަށް އޮންނަނީ ހަމައެކަނި ކޮންކްރީޓު އަޅާލުން. ދެން އަޅުގަނޑުމެންގެ ސްޕީޑަށް ބަލާކަމަށްވަންޏާ ފްލޯ ބައި ފްލޯ އަށް ދާ ކަމަށްވަންޏާ ގްރައުންޑުގައި މިދަނީ ފައުންޑޭޝަން މަސައްކަތްތަކާއި ކޮމާޝަލް ޔުނިޓުތަކެއް ވީމާ އޭތި އަޅުގަނޑުމެން މި ބަހައްޓަނީ ބެއާކޮށް އޯޕަންކޮށް. ދެން ސެކަންޑު ފްލޯ އިން ފެށިގެން އަޅުގަނޑުމެންގެ ޓައިމްލައިނަކީ ކޮންމެ 15 ދުވަހަކާއި 12 ދުވަހެއްގެ ތެރޭގައި ފްލޯއެއް ނިންމުން،" ޝަމްއޫލް ވިދާޅުވިއެވެ.

ފްލެޓުތަކުގެ މަސައްކަތް ފަށައިގެން މިހާތަނަށް އައިއިރު މާ ބޮޑެތި ގޮންޖެހުންތަކެއް [މަސައްކަތް ހުއްޓުމަކަށް އަންނަވަރުގެ] ކުރިމަތިވެފައި ނުވާކަން ފާހަގަކުރައްވާ ޝަމްއޫލް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އެފަދަ މައްސަލަތަކެއް ދިމާނުވެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއަދުވެސް އެފްޑީސީން ވަނީ މަސައްކަތް އެއްކޮށް ނިންމާފައިވާ "ސާމްޕަލް އެޕާޓުމަންޓު" މީޑިއާތަކަށް ދައްކާލައިފައެވެ.