މޯލްޑިވްސް ލިވިން އެކްސްޕޯގެ 11 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރު ކަމަށް ހައިރައިސް އިންޓަނޭޝަނަލް އާއި، އާބަންކޯ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިފަހަރުގެ ލިވިން އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ހައިރައިޒް އިންޓަނޭޝަނަލް އިން 2013 ވަނަ އަހަރު ފެށި މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ބޯހިޔާވަކިކަމާއި، ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭގޮތަށް ރާއްޖޭގައި ބާއްވަ މިފަދަ ހަމައެކަނި ހަރަކާތެވެ. މިއަހަރުގެ ލިވިން އެކްސްޕޯގައި ވެސް ކުރީގެ އެކްސްޕޯތަކެކޭ އެއްފަދައިން ބޯހިޔާވަހިކަން ހޯދުމަށް ރާއްޖޭގައި ހުރި ހަރުދަނާ ފުރުސަތުތައް އާންމުނާ ހަމައަށް ގެނެސްދިނުމަށްޓަކައި އިންވެސްޓަރުންނާއި އެކު އިންޓަރެކްޓިވް ނެޓްވޯކިން ޕްލެޓްފޯމެއް ގާއިމްކުރެވޭނެއެވެ.
އޭގެ ތެރޭގައި ޕްރޮޕަޓީ ޑެވެލޮޕަރުންނާއި، އިންޓީރިއާ ޑިޒައިނިން އަދި ފަރުނީޗަރު ވިޔަފާރިތަކާއި، ބޯހިޔާވަހިކަމަށް ފައިނޭންސް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތައް ވެސް ހިމެނޭނެއެވެ. މި އެކްސްޕޯގެ ތެރޭގައި ބޯހިޔާވަހިކަމާއި، ގެދޮރާއި ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތުތައް އާންމުންނަށް ލިބިގެންދާނެއެވެ.
އާބަންކޯގެ ސްކޯޕް ބޮޑުކޮށް، އާބަން ސިޓީ ޑެވެލޮޕްމަންޓަށް ފޯކަސް ކުރަމުން އަންނަ އިރު މި އެކްސްޕޯއަކީ އެކަމަށް އަލިމަގެއް ދައްކުވައިދޭ ފަދަ އެކްސްޕޯއެއް ކަމަށް އާބަންކޯ އިން ބުންޏެވެ. އެހެންކަމުން މި އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަށް އާބަންކޯ ވެގެން ދިއުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެކުންފުނިން ބުންޏެވެ.