ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، މާލޭގައި މުޒާހަރާ ކުރި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ބަޔަކު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް މަގުމަތިން ދިމާކޮށް، އޭނާއަކީ ކާފަރެއް ކަމަށް ބުނެ، މިއަދު ފުރައްސާރަކޮށްފިއެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިލޭސާބަކަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އިޔާޒަށް ފުރައްސާރަކޮށް، ދިމާކޮށްލީ މަޖިލީދީމަގު، ސޯޝަލް ސެންޓަރު ކައިރިންނެވެ. ސައިކަލުގައި ވަޑައިގަންނަވަނިކޮށް، އެ ސަރަހައްދުގައި މުޒާހަރާކުރަން ތިބި އަންހެންވެރިންތަކެއް ވަނީ އޭނާގެ ފަހަތުން ދުވެ، އަޑު ލައްވައި ހަދާފައެވެ. ޔާމީން މިނިވަންކުރުމަށާއި ރައީސް ސާލިހަށް ފާޑުކިޔައި ލިޔެފައިވާ ޕޯސްޓަރުތަކެއް ހިފައިގެން ތިބި މީހުން ވަނީ އިޔާޒަށް އަމާޒުކޮށް، "ބޮޑު ކާފަރޭ" ކިޔައި ފުރައްސާރަކޮށްފައެވެ.

https://twitter.com/Maaix4/status/1668929030547185664?s=20

އިޔާޒަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރެވެ. އަދި އެ ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސެވެ. އޭނާ ގެންދަވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ލެކްޗަރާކަން ވެސް ކުރައްވަމުންނެވެ.

ސަރުކާރަށް ތާއިދުކޮށް، ޓްވީޓު ކުރައްވާ އިޔާޒަށް މަގުމަތިން ދިމާކޮށްލުމުން އަދާލަތު ޕާޓީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އަދާލަތު ޕާޓީގެ ސްޕޯކްސްޕާސަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމުން އެކަކު، އަނެކަކަށް ރައްދުކުރުން ނަހީކުރައްވާފައިވާ ބަސްތަކުން މުޚާތަބުކޮށް ޕީޕީއެމް-ޕީއެންސީއިން ހިންގި ދަށުދަރަޖައިގެ ހުތުރު އަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ވިދާޅުވީ އެ މީހުންގެ އަމަލުން ދޭހަވަނީ އިދިކޮޅު ޕާޓީތަކުގެ ވެރިންގެ ރާވައިގެން އަމިއްލަ މަންފާއަށް އާންމު މެންބަރުން ލައްވާ އިސްލާމް ދީނާއި ޤާނޫނުތަކާއި އަދި އާންމު އަޚުލާގީ މިންގަނޑާ ޚިލާފުކަންކަން ކުރުވާކަން ކަމަށެވެ.

https://twitter.com/alynazeer/status/1668935262192414720?s=20