ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫޢޫއިން ފުލެޓް ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.
ވިނަރެސް އިން ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ގުޅީފަޅ، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކަށާއި، އާންމުންގެ ތެރެއިން ހޮވޭ ފަރާތްތަކަށެވެ.
މީގެ ތެރެއިން ގުޅީފަޅު ކަސްޓަމަރުންނަށް ލިބޭ ހައުސިން ޔުނިޓުތަކުގެ އެގްރީމަންޓުގައި ސޮއިކުރުން މިއަދު ވަނީ ފަށާފައެވެ. ޖުމްލަ 100 ފަރާތަކަށް ހައުސިން ޔުނިޓު ލިބޭ އިރު ދުވާލަކު 25 އެގްރީމަންޓުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރޯ މޯލް ގައެވެ. ގުޅީފަޅު ކަސްޓަމަރުންގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ހައުސިން ޔުނިޓު ލިބޭ އެހެން ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރަށް އެންޑް ޔޫޒަރ އަދި ހައުސިން ޔުނިޓްތަކަށް ފުލް ޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް ޔުނިޓް ސެލެކްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް 128 ޔުނިޓެއް ވަނީ އެ ފަރާތްތަކުން ނަގާފައެވެ. އަދި އާންމުނަށް ހުޅުވާލައިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އާބަންކޯ އަށް ދިގު މުއްދަތަށް ބަހާލައިގެން (އެންޑް ޔޫސަރ) މޮޑެލް އަށް ފައިސާ ދައްކާ ފަރާރްތަކުގެ ފައިނޭންޝަލް އިވެލުއޭޝަން ފަށައި އެ ފަރާތްތަކަށް ޔުނިޓު އިހްތިޔާރުކުމުގެ މަރުހަލާ އަންނަ ހަފްތާތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ވިނަރެސް ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން މިހާރު ފަށާފައިވާއިރު އަންނަ ޖުލައި މަހުގެ ތެރޭގައި ވެރިފަރާތާ ޔުނިޓު ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުނެއެވެ.
ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއެކެވެ.