މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މުހިންމު މައްސަލަތައް ތާވަލު
ކުރެވިފައިވަނިކޮށް، މަޖިލިސް ކުރިއަށް ގެންދިއުން ހުއްޓުވާފައިވާތީ ވެރިކަން ކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދު އެޖެންޑާގައި ހިމެނެނީ މަޖިލީހުގެ ހުއްޓިފައިވާ ދާއިމީ ކޮމިޓތައް އަލުން އެކުލަވާލުމުގެ މަސައްކަތަތެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގައި ތަމްސިލުވާ ހުރިހާ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަށް ނިސްބަތްނުވާ މެންބަރުންނާއި ތިންފަހަރު މަތިން މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރިޔާސަތުން ހުރަސްއެޅި ކަމަށް އެމްޑީޕީން ތުހުމަތުކުރިއެވެ.

"މިއަދުގެ ޖަލްސާ ފެށުމާއެކު އިދިކޮޅު މެންބަރުންނަށް މަޖިލީސް ހަލަބޮލި ކުރުމަށް ރިޔާސަތުން ފުރުސަތުދީ، ގަވާއިދާއި އެއްގޮތަށް އަމަލު ކުރުމަށް ފަސްޖެހި މަޖިލީހުގެ ރިޔާސަތުން ވަނީ އެކަން ހުއްޓުވާފައި" އެމްޑީޕީން ބުންޏެވެ.

މުހިންމު މަސައްކަތްތަކެއް ކުރުމަށް މަޖިލީހުގައި އެޖެންޑާކޮށްފައި ވަނިކޮށް މަޖިލީހުގެ ނިޒާމު ނަގާލައި މަސައްކަތް ހުއްޓުވާލުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަކަށްވާތީވެ ހުއްޓިފައިވާ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދެވޭނޭ ގޮތް ހަމަޖައްސައި ދިނުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާ ކުއްލި މައްސަލައެވެ. އެއީ ސަރުކާރުން ބަދަލު ދިން ކުންފުނިތައް ހާމަކުރުމަށް ގޮވާލައި ހުށަހަޅާ ކުއްލި މައްސަލައެކެވެ. ނަމަވެސް އާދަމް ޝަރީފަށް އެ މައްސަލަ ހުށަހެޅޭ ގޮތެއް ނުވިއެވެ.

އެގޮތުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާއެއްގެ ސަބަބުން މަޖިލީހުގައި އަޑުގަދަ ކުރަން ފެށިއެވެ. އަދި އާޒިމް އަށް ނިޒާމީ ނުކުތާ ނެންގެވުމަށް ދެއްވި ފުރުސަތުގައި އެ ނުކުތާ ނުނަންގަވާ ގިނަ ވަގުތުތަކެއް ބޭކާރު ގޮތުގައި ހޭދަ ކުރެއްވިއެވެ. އަދި ނިޒާމީ ނުކުތާގެ މައްސަލަ ކުރިޔަށް ގެންދެވިއިރު ވެސް އާޒިމް ވަނީ، ބޭކާރު ގިނަ ވާހަކަތަކެއް ދައްކަވައިފައެވެ.

މަޝްވަރާ ކުރުމަށް ދެ ފަހަރެއްގެ މަތިން މިއަދުގެ މަޖިލިސް ޖަލްސާ މެދުކަނޑާލިއިރު މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެން އުފައްދަމުން އަންނަ ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން މަޖިލިސް ތެރޭގައި އަޑުގަދަ ކުރަން ފެށިއެވެ.

އެ މެންބަރުން އަޑުގަދަ ކުރައްވަން ތިއްބަވަނިކޮށް ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ފޯނު ކޯލެއް އައިސްގެން އެ ފޯނު ނަންގަވާ މަންޒަރު ފެނެއެވެ. މައިކް އޮފް ނުކޮށް އިނުމުން އަފީފަށް ވާހަކަ ދެކެވުނީ އޮން ރިކޯޑުގައެވެ. "މި ނިންމާލަނީ… މި ނިންމާލަނީ… މި ނިންމާލަނީ.،" މިފަދައިން އަފީފް ވިދާޅުވި އަޑު ސާފުކޮށް އިވުނެވެ. އަދި އެއަށްފަހު އަފީފް ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ މަޖިލިސް ޖަލްސާ ނިންމާލައިފައެވެ.